ޚަބަރު

ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކުރި ލޯނުގެ އަދަދު އިތުރުވެއްޖެ


  • އޮކްޓޯބަރުގައި އެންމެ ބޮޑު އަދަދެއް ދޫކުރީ ޕަރސަނަލް ލޯނުތަކަށް

  • ސެޕްޓެމްބަރު މަހު ދޫކުރި ލޯނުގެ އަދަދު ހުރީ، %6 ގައި

  • އޮކްޓޯބަރު މަހުގެ ނިޔަލަށް މި އަދަދު ވަނީ، %8 އަށް އިތުރުވެފައި

ކޮމަރޝަލް ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކުރި ލޯނުގެ އަދަދުތައް އިތުރުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ، އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުންނެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ނޮވެމްބަރ މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ އޮކްޓޯބަރު މަހު ކޮމާޝަލް ބޭންކުތަކުން ދޫކޮށްފައިވާ ލޯނު ވަނީ އިތުރުވެފައެވެ. މި ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ކޮމާޝަލް ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކުރި ލޯނުގެ އަދަދު ހުރީ، %6 ގައެވެ. ނަމަވެސް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި އަދަދު ވަނީ، %8 އަށް އިތުރުވެފައެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި މައިގަނޑު ސިނާޢަތްތައް ކަމަށްވާ ޕަރސަނަލް ލޯނު، ފަތުރުވެރިކަން، ވިޔަފާރި، ބިނާކުރުން އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ އިތުރުވެފައެވެ.

އޮކްޓޯބަރު މަހު ލޯނުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ، ޕަރސަނަލް ލޯނުތަކަށް ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. އެއީ، މުޅި އަހަރަށް ބަލާނަމަ %19 އިތުރުވުމެކެވެ. ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ، ފަތުރުވެރިކަމުގެ ސިނާޢަތައް ދޫކޮށްފައިވާ ލޯނުތަކަށެވެ. އެއީ، %35 ކަމަށް މި ރިޕޯޓުން ދައްކައެވެ.

ޕަރސަނަލް ލޯނުތަކުގެ އަހަރީ ކުރިއެރުން އައިސްފައިވަނީ، ކްރެޑިޓް ކާޑުތަކާއި، ކޮންސިއުމަރ ޑިއުރަބަލްސްގެ ގޮތުގައި ދޫކުރި ލޯނުތައް އިތުރުވުމާ ގުޅިގެންނެވެ. ހަމައެއާއެކު، ތަޢުލީމީ ދާއިރާއަށް ދޫކުރި ލޯނުތައްވެސް އިތުރުވެފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތަށް ދޫކުރި ލޯނުތަކުގެ އަދަދު އިތުރުވުން ގުޅިފައިވަނީ، ވޯކިންގ ކެޕިޓަލްއާއި، ރިސޯޓް ތަރައްޤީކުރުން އަދި ގެސްޓްހައުސްތަކަށް ދޫކުރާ ލޯނުތައް އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.