ކުޅިވަރު

ދަރިފުޅު ކުޅޭތަން ބަލަން ޒިދާން މޮރޮކޯ އަށް


ފްރާންސްގެ ކުރީގެ ކެޕްޓަން އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން އޭނާގެ ދަރިފުޅު ލޫކާ ޒިދާން އަލްޖީރިއާ އަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅުނު މެޗު ބަލަން މޮރޮކޯ އަށް ދިއުން މީޑިއާތަކުގެ ސަމާލުކަމަށް އައިސްފި އެވެ.

ފްރާންސްގެ ރައްޔިތަކަށްވެ، އެ ގައުމުގައި އުޅެ ބޮޑުވެ، ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ނަމަވެސް ޒިދާނަކީ އަލްޖީރިއާ މީހެކެވެ. އޭނާގެ ދަރިފުޅު ލޫކާ ޒިދާނަށް އަލްޖީރިއާ އަށް ކުޅެވުނީ ދަރިފުޅުގެ ކާފަ އަދި ޒިދާންގެ ބައްޕަ އަކީ އަލްޖީރިއާ މީހަކަށް ވުމުންނެވެ. ލޫކާ ޒިދާން އުޅެ ބޮޑުވީ ސްޕޭނުގަ އެވެ. ނަމަވެސް އަލްޖީރިއާގެ ގައުމީ ޓީމަށް ކުޅެން ނިންމައި ރޭ އޭނާ ވަނީ ސޫދާން އަތުން 3-0އިން މޮޅުވި މެޗުގައި މޮޅު ސޭވްތަކެއް ވެސް ކޮށްފަ އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާން ތައްޔާރުވާ ޒިދާން މި މެޗުގެ ބަލަން މޮރޮކޯ އަށް ދިޔައީ ސްޕޭނުގައި ހުރެފަ އެވެ.

އަލްޖީރިއާ އަތުން ސޫދާން މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ކުރިން މެންޗެސްޓާ ސިޓީގައި މޮޅަށް ކުޅުނު ރިޔާދް މާރޭޒް އެވެ.

"މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ ބޯނަސްއެއް. އެންމެ މުހިންމު ކަމަކީ މެޗުން މޮޅުވުން. އަހަރުމެން ދައްކައިދީފިން އަހަރުމެން ޓީމު ވަރަށް އެކުވެރިކަމާއެކު އޮތީ ގަދަފަދަކޮށްކަން. އަހަރުމެންނަށް މިއަށްވުރެ ގިނަ ގޯލުތަކެއް ވެސް ޖެހިދާނެ،" މާރޭޒް ބުންޏެވެ.

ސޫދާނުގެ ކޯޗު ކްވާސީ އަޕިއާ ބުނީ މި ގްރޫޕުގެ އެންމެ ވަރުގަދަ ޓީމަކީ އަލްޖީރިއާ ކަމަށެވެ.

"އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް އަހަރުމެން މި ކުޅުނީ. ހަގީގަތުގައި ވެސް މިހާރު އެއޮތް އަލްޖީރިއާ ޓީމަކީ ވަރަށް ކޮލިޓީހުރި، މޮޅު ޓީމެއް އަދި ވަރަށް ސީރިއަސް ޓީމެއް. އަހަރުމެން ވަރަށް މަސައްކަތް ކުރާނަން މި ނަތީޖާ ހަނދާން ނައްތާލާފައި އަނެއް މެޗަށް ތައްޔާރުވާން،" އަޕިއާ ބުންޏެވެ.