ޚަބަރު

"ޣައިރު ދީންތަކުގެ މުނާސަބާތަކާއި، މުސްލިމުން ދުރުހެލިވާންޖެހޭ"


  • މުސްލިމުންގެ ޢީދުތަކުގައި ޣައިރު ދީންތަކާ ވަތްތަރުވާގޮތަށް ކަންކަން ކުރުމަކީ މަނާކުރައްވައިފައިވާ ކަމެއް

  • މިއަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، ދީނާ ދުރުވެ، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން

ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ "އިސްލާމީ ޙަޟާރަތުގެ ރަންޒަމާން" މި މައުޟޫއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމީ ޙަޟާރަތު ފެށުނީ، ކީރިތި ރަސޫލާއަށް ވަޙީބާވައިލައްވާން ފެށުނު ހިސާބުންކަމަށެވެ. އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކެވެ. އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތައް ކަމަށެވެ. އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު ކުރިއަރައި ދިޔައީ، ވަރަށް ވެސް ހަލުވި ދުވެއްޔެއްގައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާއި، ޝަރުޢީ، ޙުކުމްތަކާއި، ރިވެތި އަޚްލާޤު ހިމެނެއެވެ. ބިން އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ޤަބޫލުކުރިއެވެ. މި ކައުނުގައި މާތް ﷲ ލައްވައިފައިވާ ކަންކަމާއި ތަފާތު އެކި މަޚްލޫޤުންނާ މެދު ވިސްނައިފިކުރުކުރުމަށް ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އެކަލާނގެ އަންގަވައިފައިވާ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

"މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، ކުރީން ބުނެވުނު އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން. އެބައިމީހުންގެ ދީނުގައި މާތް ﷲއާއި އެކަލާނގެ ރަސޫލާ ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުޠުބާގައި ވިދާޅުވީ އިސްލާމީ އުންމަތް މިއަދު ވެއްޓިފައިމިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުންކަމަށެވެ. އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުމަށް ހުޠުބާގައި ވަނީ ގޮވާލައިފައެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި އެބައިމީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.