ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫހަށް ޙުކުމް އިއްވުމުގެ ޝަރީޢަތަށް ގެންދިއުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޝަރީޢަތަށް ހާޒިރު ކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ. އެގޮތުން މިއަދު 14:00ގައި އޮތް ޝަރީޢަތަށް އޭނާ ހާޒިރު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް މަމްދޫހު ގެންދިޔައީ، ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުންގެ ބަންދުގައި ބަހައްޓައިގެން މަމްދޫހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނީ، އެ ދުވަހު ބޭއްވި ޝަރީއަތަށް އޭނާ ހާޒިރު ނުވުމުންނެވެ. އެ އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ ޢަލީ ނަދީމް ވަނީ، އެ މައްސަލާގެ އަޑުއެހުން ކެންސަލް ކުރަން މަމްދޫހުގެ ފަރާތުން ކޯޓުގައި އެދުނު ނަމަވެސް ޝަރީއަތް އޮންނާނެކަން ކޯޓުން އަންގާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ކޭޕާކް ފްލެޓުތައް ވިއްކަން ކަމަށްބުނެ އެތަން އިމާރާތް ކުރަން ހަވާލުވި ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހުރި މަމްދޫހު ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ދަޢުވާކޮށްފައެވެ.