ޚަބަރު

ތަރިކައިގެ ދާއިރާގެ މާސްޓާސް ކޯސް ޖަނަވަރީގައި ފަށަނީ


  • މި ދާިއރާއިން ކިޔެވުމަށް 50 ސްކޮލަރޝިޕް ވަނީ ދީފައި

  • ކިޔެވުން ކުރިއަށްދާނީ އައިޔޫއެމްގައި

ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން ޖަނަވަރީ މަހު ފަށާނެކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަނީ ތަރިކައިގެ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

ތަރިކައިގެ ދާއިރާއިން ކުރައްވާ މަަސައްކަތަކުގެ ތެރެއިން އެދާއިރާއިން މީހުން ބިނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިދާއިރާއިން ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުޞަތުވެސް ހުޅުވާލިއެވެ. މިކަމާ ގުޅެގޮތުން ވަޒީރު އާދާމް ނަޞީރު ވިދާޅުވީ އެ ދާއިރާއިން ކިޔެވުމަށް 50 ސްކޮލަރޝިޕް ދީފައިވާކަމަށެވެ. އެއީ މާސްޓާސް ލެވަލްގެ ކޯސްތަކެއް ކަމާށާއި ކޯހުގެ ކިޔެވުން އަންނަ ޖަނަވަރީ މަހު އިސްލާމީ ޔުނިވަރސިޓީގައި ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތަމްރީންތައް ފަށައިގަތުމުގެ މަރުހަލާ ދަނީ ކުރަމުން. މި ކޯސްތައް ޖެނުއަރީ މަހު އައިޔޫއެމްގައި ފަށާނެ." ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވިއެވެ.

"ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް"ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ދިރާސީ މަސައްކަތްކުރުމުގެ ފުރުސަތެކެވެ. މީގެ މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްގައި ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެވެ. ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ.

ތަރިކަ ދިރާސާކުރާ މަރުކަޒުން ވިދާޅުވީ މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެ މަރުކަޒުން ވިދާޅުވިއެވެ. މި ސްކޮލަރޝިޕްގެ ދަށުން ދައްކަންޖެހޭ ކޯސް ފީ ދައްކައިދޭނީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.