ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ބޯހިޔާވަހިކަމުގެ މައްސަލައެވެ. އާބާދީގެ އިތުރުވުމާއެކު، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން އެކަށީގެންވާ ދިރިއުޅުމެއް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހި، ތޮއްޖެހުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.
މި މައްސަލަ ޙައްލު ކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެކަމަށް އެންމެ އެދެވޭ އަދި ދިގުދެމިގެންދާ ހައްލެއް ވަނީ ނުހޯދިފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ޒަޢާމަތާއި ހަވާލުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
"ބިންވެރިކަމާއި ގެދޮރުވެރި ކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއް. އެކަމުގެ ސަބަބުން، އާއިލީ އިޖުތިމާޢީ މައްސަލަތައް ނިކުމޭ. ދީނީ، އަޚްލާޤީ މައްސަލަތައްވެސް އުފަންވޭ. ހަމަ އެހެންމެ، ޞިއްޙީ އެތައް ގެއްލުންތަކަކާވެސް ކުރިމަތިލާންޖެހޭ. އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރު ތިލަފަޅުން ފެށިގެން ފުށި ދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި، ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން." ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެ ވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ ޒަމާންވީ މި އާދޭހުގައި ކުލަވަރެއް ޖައްސައިދިނުމަށް ރާއްޖޭގެ ޒަޢާމަތާ ހަވާލުވެ ވަޑައިގެން ކުޑަދުވަސްކޮޅެއްގެ ތެރޭގައި "ރަސްމާލެ" ނަމުގައި ބިޔަ މަޝްރޫޢެއް ފެއްޓެވިއެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ފުށި ދިއްގަރު ފަޅުގެ 1,009 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ ތާރީޚުގައިވެސް ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ގެދޮރުވެރިކަމުގެ 65,000 އަށްވުރެ ގިނަ ފުރުޞަތު ޔަޤީންވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ވުމާއެކު، ސަރުކާރުގެ އަމާޒަކަށްވީ ރަސްމާލެ ވީހާވެސް އަވަހަކަށް ހިއްކާ ނިންމާލުމެވެ. އަދި މި އަމާޒު ހާސިލް ކުރުމަށް މުޅި ރަސްމާލެ 12 ސަރަހައްދަކަށް ބަހާލައިގެން 3 ކުންފުންޏަކަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށް އަމަލީ މަސައްކަތް ފެށިގެން ދިޔައެވެ.
ނަމަވެސް ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ދަތިތަކާއި ކުރިމަތިވިއެވެ. މި މައްސަލަތައް ހައްލު ކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިމަސައްކަތްތަކުގެ ދަށުން މިހާރު ދަނީ، ބިން ހިއްކުން އިތުރަށް ހަލުވި ކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ކަމަށްވާ 'ކްރިސްޓޮބަލް ކޮލޮން' ބޭނުން ކުރަމުންނެވެ.
Rasmale’ Land Reclamation Project Update:
— Maldives Airports Company Ltd (@MACLmedia) December 29, 2025
Reclamation works at Rasmale’ Site A commenced on 1 December 2025 and have achieved steady progress to date. A total of 49 hectares have been reclaimed, reflecting 35.63% completion. pic.twitter.com/x3Cf7DFbfF
މި ޑްރެޖަރުގެ އެހީގައި ސައިޓް 'އޭ'އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 49 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފައެވެ. މިއާއެކު، މުޅި މަޝްރޫޢުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކައި ނިންމާފައެވެ.
"އެކި ސައިޓްތަކުގައި އެކި ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުން. މި މަސައްކަތް އަޅުގަނޑުމެން ޓާގެޓް މިކުރަނީ، އެޕްރީލް މަސް އަންނަންވާއިރަށް އަޅުގަނޑުމެންނަށް އެއްކޮށް ނިންމާލެވޭނެ ކަމަށް. މާރިޗު މަސް ނިމި އެޕްރީލް މަހު ހުރިހާ ސައިޓެއް، މާނައަކީ 1009 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާލެވޭނެ ކަމަށް." މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓެންޓެއް ހޯދަން މާލީ ކަންކަމާ ބެހޭ ވުޒާރާއިން ވަނީ އިޢުލާންކޮށްފައެވެ. މީގެ އިތުރުން، ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރު، ރަސްމާލެއިން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން 15,000 ގޯއްޗަށް ކުރިމަތިލުމަށް މިމަހުގެ ތެރޭގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމާލެ މަޝްރޫޢު ވެގެންދާނީ، ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" ގެ މޮޑެލްއަށް އިންޑިޔާ ކަނޑުގައި ތަރައްޤީ ކުރާ ފުރަތަމަ "ޒީރޯ ކާބަން ސިޓީ" އަށެވެ. އަދި މިއީ، ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްވުރެ ބޮޑަށް، ޓެކްނޮލޮޖީގެ ކުރިއެރުމާއި، ތިމާވެއްޓާ ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ގެނެސްދޭނެ މަޝްރޫޢެއްވެސްމެއެވެ.