ޚަބަރު

މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އައީ އިއްޔެ!


  • އިއްޔެ 9،903 ފަތުރުވެރިން އައިސްފައިވޭ

  • ހޮނިހިރު ދުވަހު 9584 ފަތުރުވެރިން އައި

މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އައްޔެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން މިކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ރާއްޖެއަށް 9،903 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށާއި މިއީ މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަސްކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިދިޔަ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ހުކުރު ދުވަހު ރާއްޖެއަށް 8368 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު ހޮނިހިރު ދުވަހު ރާއްޖެއަށް 9584 ފަތުރުވެރިން އައިސްފައިވެއެވެ.

ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު އިތުރުވެފައިވާއިރު މިމަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޑިސެންބަރުމަހާ އަޅާބަލާއިރު %8.2 އިތުރު އަދަދެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000އަށްވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 2.0 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.9 އިތުރު އަދަދެކެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިންނެވެ.