ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން 768 އެޕްލިކޭޝަން އެޕްރޫވްކޮށްފައިވާކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެވުޒާރާއިން ވިދާޅުވީ މި ސްކީމްގެ ދަށުން 909 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
"ހިޔާވެހި ފައިނޭންސިން"އަކީ މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ ސްކީމެކެވެ. މި ސްކީމަކީ ރާއްޖޭގެ 3 ބޭންކަކާއި ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ހިޔާވެހި ފައިނޭންސް ސްކީމްގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް އެދި 768 އެޕްލިކޭޝަން އެޕްރޫވްކޮށްފައިވާކަމަށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އެންމެ ގިނައިން އެޕްލިކޭޝަން އެޕްރޫވްކޮށްފައިވަނީ ސަހަރު ކެޓަގަރީންނެވެ. އެއީ 410 އެޕްލިކޭޝަންއެވެ.
- ފަހިމާލެ: 15 އެޕްލިކޭޝަން
- ސަހަރު: 410 އެޕްލިކޭޝަން
- ރަށްވެހި: 343 އެޕްލިކޭޝަން
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާތަނަށް 909 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން 3 ސްކީމެއް ކުރިއަށްގެންދާއިރު ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ސްކީމެވެ. މި ސްކީމް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 މިލިޔަން ރުފިޔާއާއި ހަމައަށް ހައިސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.
ދެވަނަ ސްކީމަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމެކެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް މާލީ އެހީ ދޫކުރާނެއެވެ.
ތިންވަނަ ސްކީމު މާލެ ސަރަހައްދަށް ޚާއްޞަކޮށްފައިވާއިރު، މި ސްކީމްގެ ދަށުން 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާނެއެވެ. މި ސްކީމު އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށާއި، ހަދަން ފަށައިފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރާތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށެވެ. އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.
ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނަ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.