ޚަބަރު

ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އެންމެންގެ ޚިޔާލު އެއްގޮތްވެގެން: ރައީސް


  • ޑިސެންބަރު 9ގެ ފަހުން 96 މަސާޖު ޕާލާ ބަންދު ކުރެވިފައިވާކަމަށް ވިދާޅުވި

މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އެންމެންގެ ޚިޔާލު އެއްގޮތްވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖު ޕާލާތައް ބަންދުކުރުމުގެ މަސައްކަތުގެ ދަށުން ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުގެ ފަހުން 96 މަސާޖު ޕާލާ ބަންދު ކުރެވިފައިވާކަން އިޢުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވިދާޅުވީ މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ ޢާންމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށެވެ.

ސޯޝަލް މީޑިޔާގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެފަދަ ތަންތަން ހިންގަނީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތަކަށް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ކަމަށެވެ. އަދި މިފަދަ ތަންތަން ހިންގަމުން ދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބިދޭސީން ޤަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްޞަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. މިއީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އަދި ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމުގައިވާ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ. މި ޓާސްކްފޯހުން ދަނީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ފަސްކުރަމުންނެވެ.