ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން "ކްރިއެޓޯލް" ގެ ނަމުގައި މުޅި ދުނިޔެއަށް ހުޅުވާލައިގެން ފަންނުވެރިކަން ކުރިއެރުވުމަށް އައު ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.
މި ޕްލެޓްފޯމަކީ، ރާއްޖެއާ ގުޅުންހުރި ތަފާތު ޑިޖިޓަލް ފަންނީ އުފެއްދުންތައް އެއްތަނަކުން ފެނި، ކޮންޓެންޓު ކްރިއޭޓަރުންނާއި ފަތުރުވެރިކަމުގެ ޕާޓްނަރުން އަދި ތަފާތު ބްރޭންޑުތަކާއި ބައިނަލްއަޤުވާމީ އޯޑިއެންސާ ގުޅުވައިދޭނެ ފާލަމެކެވެ.
މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ކުރިއެރުންތައް ފާހަގަކުރުމަށާއި، އައު އަހަރުގެ އުފާވެރިކަން ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލުގައި މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، ފަތުރުވެރިމަކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ، ކްރިއެޓޯލަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނުވެރިން އެމީހުންގެ އުފެއްދުންތައް ދައްކާލައި، އެ އުފެއްދުންތައް ވިއްކައި މާލީ މަންފާ ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ. މި ޕްލެޓްފޯމަށް "ކްރިއެޓޯލް"ގެ ނަން ދީފައިވަނީ އިނގިރޭސި ބަހުން (ކްރިއޭޓިވިޓީ) ނުވަތަ އުފެއްދުންތެރިކަމާއި ދިވެހި އަތޮޅުތައް (އެޓޯލް)އާ ގުޅުވާލައިގެންނެވެ. މި ނަމުން ރަމްޒު ކޮށްދެނީ، ރާއްޖެއާ ގުޅޭ ކޮންޓެންޓްތައް އުފެއްދުމާއި، އެކަމުން މަންފާ ހޯދުމަށް ދިވެހިންނާއި އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ފަހި މަންސައެއް ކަމެވެ.
ކްރިއޭޓޯލް މެދުވެރިކޮށް ދައްކުވައިދޭނީ، ރާއްޖެއާ ގުޅުންހުރި ރަށްފުށުގެ ތަޖުރިބާތަކާއި، ދިވެހިންގެ ސަޤާފަތާއި، ޤުދުރަތާއި، ދިވެހިންގެ އާންމު ދިރިއުޅުން ދައްކުވައިދޭނެ ވިޝުއަލް ކޮންޓެންޓުތަކެވެ. ފޮޓޯއާއި ވީޑިއޯއާއެކު ފަށާ ކްރިއެޓޯލް އުފައްދާފައިވަނީ، ކުރިއަށް އޮތްތަނުގައި ފަންނީ ތަފާތު އުފެއްދުންތަކަށް ފުރުސަތު ދެވޭނެ ފަހި ޕްލެޓްފޯމެއްގެ ގޮތުގައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ، މި ޕްލެޓްފޯމާއެކު ރާއްޖޭގެ ކޮންޓެންޓު ކްރިއޭޓަރުންނަށް އެމީހުންގެ އުފެއްދުންތައް ބައިނަލްއަޤުވާމީ މާކެޓުގައި ދައްކާލައި ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް ކޮންޓެންޓް ކްރިއޭޓަރުންނަށްވެސް ރާއްޖެއާ ގުޅުންހުރި ތަފާތު އުފެއްދުންތައް ކްރިއެޓޯލް މެދުވެރިކޮށް ދައްކާލުމާއި ވިއްކުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިއީ، ރާއްޖެއާ ގުޅުންހުރި ތަފާތު ތަޖުރިބާތައް އެއްތަނަކުން ދައްކުވައިދޭނެ ޕްލެޓްފޯމެކެވެ.
މި މަސައްކަތާއި ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މިއީ ދިވެހި ފަންނުވެރިން ބައިނަލްއަޤުވާމީ ދުނިޔެއަށް ފައިހަމަ ކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް، ރާއްޖެއަށް ޒިޔާރަތް ކުރާ ބޭރުގެ އެކި ފަންނުވެރިންގެ ތަޖުރިބާތައް އެއްތަނަކުން ފެނިގެން ގޮސް، އެންމެ ފުރިހަމަ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.
"ކްރިއެޓޯލް ޑިޒައިންކޮށްފައިވަނީ، ކޮންޓެންޓް ކްރިއޭޓަރުންނަށް ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލްކުރެވޭނެ ގޮތަށް. މިއީ، ދިވެހި ފަންނުވެރިންނަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ފައިހަމަ ކުރުމަށް ހުޅުވިގެންދާ ދޮރެއް. ހަމައެއާއެކު، މި ޕްލެޓްފޯމް މެދުވެރިކޮށް، ރާއްޖެއަށް ޒިޔާރަތް ކުރާ ބޭރުގެ އެކި ފަންނުވެރިންގެ ތަޖުރިބާތައް އެއްތަނަކުން ފެނިގެން ގޮސް، އެންމެ ފުރިހަމަ ގޮތުގައި ރާއްޖެ - މި މަންޒިލް އިޝްތިހާރު ކުރުމުގެ ފުރުޞަތު ލިބިގެންދޭ." ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވި.
ކްރިއެޓޯލް އިފްތިތާޙުވެގެން ދިއުމަކީ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަންނުވެރިން ކުރިއެރުވުމަށާއި، ތަފާތު އެކި ދާއިރާތަކުން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ ކަންކަން ފުޅާކުރުމުގެ އިތުރުން ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖެއާ ގުޅުންހުރި ވާހަކަތައް އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.