ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިއީ، އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓު ޕީކުގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، އިރުގެ އަލިން އުފައްދާ ހަކަތަ ރައްކާ ކުރުމަށްޓަކައި 537.6 ކިލޯވޮޓު އަވާގެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމެއްވެސް މި މަޝްރޫއުގެ ތެރެއިން އެ ރަށުގައި ބެހެއްޓުމަށް ހަަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، ދޮންފަނުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ރައީސްގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.
ވުމާއެކު، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަވެ، ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.