އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ފުލުހުންގެ ފަރާތުން ކޮމާންޑަރުން ކަނޑައަޅުއްވައިފިއެވެ.
މިއީ، އިންތިޚާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެފައިވާ އޮޕަރޭޝަންތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކައުންސިލް އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރަަކަށް އައްޔަނު ކުރައްވާފައިވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އައްޔަނު ކުރައްވާފައިވާއިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަނު ކުރައްވާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާޠިފެވެ.
މީގެ އިތުރުން ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނު ކުރައްވާފައިވަނީ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމެވެ.
ކޮމިޝަނަރގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނެވެ. މި ބައްދަލުވުމުގައި، އިންތިޚާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި، ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި އަމާން މާޙައުލެއް ޤާއިމު ކޮށްދިނުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެއްވި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮންމެ އިންތިޚާބަކާ ގުޅިގެންވެސް އެ އިންތިޚާބެއްގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާކަން ކަށަވަރު ކުރުމަށް ފުލުހުން އޮޕަރޭޝަންތައް ހިންގައެވެ.