ރ. ކިނޮޅަސް ކައިރިން ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ފޮރެންސިކް ސާމްޕަލް ނަގައި ތަޙުޤީޤު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެވެ.
ކިނޮޅަހާ ދިމާ ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ، އިއްޔެ ހަވީރު 16:24 އެހާކަންހާއިރެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއެވެ.
ފުލުހުން ވިދާޅުވީ، ކަނޑުމަތީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެމީހާގެ ޖިންސް މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ތަޙުޤީޤަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަޙުޤީޤުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ، އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.