ޚަބަރު

ރަނގަޅު ޖީލެއް ބިނާކުރުމުގައި ކުޅިވަރުގެ ހިއްސާ ބޮޑު: ވަޒީރު އާދަމް ޝަރީފް


ޤައުމެއް ވެސް އަދި ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމުގައި ވެސް ކުޅިވަރަކީ މުހިންމު ހިއްސާއެއް އޮތް އެއްޗެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންހެން ޑިވިޝަނަށް ޚާއްޞަކޮށްގެންފެށި 'ރާއްޖެ ސުޕަރ ލީގް 2026' ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ކުޅިވަރުގެ ތެރެއިން ވެސް ވަރަށް މުހިންމު ތަރުބަވީ ސިފަތައް ލިބިގެންދާކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ހަރުދަނާ ޝަޚްސިއްޔަތެއް އުފެއްދުމުގައި ވެސް މުހިންމު ދާއިރާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކުޅިވަރުގެ ތެރެއިން ވެސް ވަރަށް މުހިންމު ތަރުބަވީ ސިފަތައް ލިބިގެންދާކަން އެއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ގަބޫލުކުރައްވާނެކަމެއް. ކުޅިވަރަކީ މީހުން ބިނާކުރުމާއި ތަރުބިއްޔަތު ކުރުމާއި އަދި ހަރުދަނާ ރަނގަޅު ޝަޚްސިއްތައް އުފެއްދުމުގައި ވެސް ވަރަށް މުހިންމު ދާއިރާއެއް" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ކުޅިވަރުގެ މުހިންމުކަން، ރާއްޖެއަށް ބަލާލުމުން ވެސް ފެންނަން އެބައޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގޮސްފައި ތިބި އެކި ފަރާތްތަކަށް ބެލިކަމުގައިވީ ނަމަވެސް، އަޅުގަނޑު ހިތުން އެބޭފުޅުންގެ މުޅި މުސްތަޤްބަލާއި އެބޭފުޅުންގެ ދިރިއުޅުމަށް ބެލިކަމުގައިވީ ނަމަވެސް އެއީ ކާމިޔާބު މަސައްކަތެއްކަން އަޅުގަނޑުމެންނަށް އެނގޭނެ ކިތަންމެ ހެއްކެއް، އަޅުގަނޑުމެންގެ ތެރެއިން ފެންނަން އެބަހުރި". ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުޅިވަރަށް މަގުފަހިކޮށްދިނުމާއި ކުޅިވަރުގެ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދުމަށްޓަކައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، މިކަންކަން ރާވައި އިންތިޒާމުކުރުމުގައި ވަޒީރު ރާފިއު އިސްކޮށް ހުންނަވައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ޝުކުރު ދަންނަވާފައެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ 'ރާއްޖެ ސުޕަރ ލީގް 2026' ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފްގެ އިތުރުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ވޮލީ ކުރިއެރުވުމަށް ވީއޭއެމް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މުޅިން އަލަށް ފެށި ރާއްޖެ ސުޕަރ ލީގުގެ މިފަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމު ބައިވެރިވެފައިވެއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ، ލ.ގަން، ށ. ފުނަދޫ، ކ.މާފުށި އަދި އައްޑޫ ސިޓީގެ އިތުރުން ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ.