ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރެއްގެ އުންމީދުގައި


  • []

ދިރާގު ދިވެހި ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ކުލަބު އީގަލްސް އިން ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮއްފިއެވެ. އީގަލްސް މެޗު ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ.

މި ނަތީޖާ އެކު އީގަލްސް ވަނީ ތާވަލުގެ ހަތަރު ވަނައިގަ އޮތް ބުރު ސްޕޯޓްސް ކުލަބާ ޕޮއިންޓަކާ ގާތަށް ޖެހިލާފައެވެ. ކުޅުނު 13 މެޗުން ހޯދި 19 ޕޮއިންޓާ އެކު ފަސްވަނާގަވާ ވިކްޓަރީގެ ފަހަތުން އީގަލްސް އޮތީ ހަވަނާގައެވެ. ވިކްޓަރީ ވެސް ވަނީ 13 މެޗުން 20 ޕޮއިންޓް ހަމަކޮއްފައެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބެއެވެ. މެޗުގެ 19 ވަނަ މިނިޓުގައި ޓީސީގެ ގާނާ ފޯވާޑް ބޯއަޑޫ ޕްރިންސް އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައި އީގަލްސްގެ އިބްރާހިމް މަހުދީ ހުސެއިން އޭރިއާ ތެރެއިން ޒައިން ޒަފަރަށް ޖައްސާލި ބޯޅަ ފޮނުވާލުމުން ޓީސީ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. އީގަލްސް އިން މެޗުގަ ލީޑު ނެގީ 41 ވަނަ މިނިޓުގައި ޒައިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ކީޕަރު ދިފާއުކުރުމުން ދެވަނަ ފަހަރަށް މަހުދީ ގޯލަށް އަމާޒު ކުރި ބޯޅަ ޓީސި ޑިފެންޑަރ މުހައްމަދު އަޖުފާން ފަހަތުން ދިފާއުކުރިއިރު ބޯޅަ ވަނީ ގޯލަށް ވަދެފައެވެ.

އީގަލްސް އިން ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 44 ވަނަ މިނިޓުގައި މަހުދީ އޭރިއާ ތެރެއަށް ވަދެ ހުރަސްކޮއްލި ބޯޅައެއް ހުސްކޮށް ހުރެ ޒައިން ގޯލަށް ވައްދަލައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓީސީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއިރު 56 ވަނަ މިނިޓުގައި އެޓީމުގެ ސްރީލަންކާ ޑިފެންޑަރ ޗަލަނަ ޗަމީރާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އީގަލްސްގެ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މެޗުގެ 62 ވަނަ މިނިޓުގައި އީގަލްސްގެ ލައިބީރިއާ މިޑްފީލްޑަރ އިބްރާހިމް ލެބޭ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގެ ޓީސީގެ ޒައިންނަށް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެށް ވަނީ ލިބިފައެވެ. މެޗުގެ ފަހު ތިން މިނިޓުގެ ތެރޭގައި ޒައިން ގޯލަށް ފޮނުވާލި ހަމަލާއެއް ސަލާމަތްކޮއްދިނީ ޓީސީގެ ޑިފެންޑަރ ހަސަން އީނާސްއެވެ.

ފުރަތަމަ ބުރުގެ މެޗު ވެސް ހަމަ މިނަތީޖާ އިން އީގަލްސް ކާމިޔާބުކުރި އިރު މިއީ ލީގުގައި އީގަލްސް ހޯދި ފަސްވަނަ މޮޅެވެ.