ފަލަސްޠީނުގެ ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް އަލުން ހުޅުވައިލުމަށް މެދުވެރިންނާ ގުޅިގެން ޤަޠަރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ޤައުމުން ބުނެފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް ފުރުޞަތު ދޭން ޖެހެއެވެ. ގިނަ ދުވަސްތަކަކަށް ފަހު ރަފަޙް ހުރަސް އަލުން ހުޅުވައިލުމަކީ ޣައްޒާއަށް އެދެވޭ ގޮތަކަށް އެހީގެ ސާމާނު އެތެރެކުރުމަށް މަގުފަހިކުރުމަށާއި އެއްބަސްވުމުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމާ ގާތަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ޤަޠަރުން ޤަބޫލުކުރެއެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، މާޖިދު އަލް-އަންޞާރީ ވިދާޅުވީ ރަފަޙް ހުރަސް ހުޅުވައިލުމާ ގުޅޭ މަޝްވަރާތައް ޤަޠަރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މެދުވެރިންނާއެކު ކުރަމުންދާ ކަމަށެވެ. އިންސާނީ އެހީއަކީ ސިޔާސީ މަޤުޞަދެއް ޙާޞިލް ކުުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށް ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަށް އެ އެއްބަސްވުމުގައި ޙިއްޞާވާ ހުރިހާ ފަރާތަކުން ވެސް ޢަމަލުކުރުން މަތީ ދެމިތިބުން މުހިންމު ކަމަށެވެ.
2024ވަނަ އަހަރުގެ މެއި ރަފަޙް ހުރަހުގެ ކޮންޓްރޯލް ޔަހޫދީން ނަގައި، އެ މަގު އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެ ހުރަސް ހުޅުވައިލުމަކީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުތެކެވެ. ނަމަވެސް އެއްބަސްވުމާ ޚިލާފުވެ، ޔަހޫދީން މިއަދާ ހަމައަށް ވެސް އެ މަގު ހުޅުވާލައިފައެއްް ނުވެއެވެ. އޭގެ ސަބަބުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ. ރަފަޙް ހުރަސް އަލުން ހުޅުވައިލުމަށް އެމެރިކާއިން ޔަހޫދީންނަށް ބާރު އަޅަމުންދާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް އޭގެ ތަފްޞީލެއް މިހާ ތަނަށް ލިބިފައެއް ނުވެއެވެ.