ކުޅިވަރު

9 ވަނަ ސިދީ ޗެލެންޖު ކަޕުގައި ވާދަކުރާ ގައުމީ ކުރިކެޓު ޓީމާއި ޖާޒީ ހަވާލުކޮށްފި


9 ވަނަ ސިދީ ޗެލެންޖު ކަޕުގައި ވާދަކުރާ ގައުމީ ކުރިކެޓު ޓީމާއި ޖާޒީ ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ޝީ ބިލްޑިންގުގައި ބޭއްވި މިރަސްމިއްޔާތުގައި ގައުމީ ކުރިކެޓު ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމްއެވެ. މިރަސްމިއްޔާތުގައި ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އިސްވެރިންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިމުބާރާތުގައި ވާދަކުރުމަށް ރާއްޖެއިން ދާ ސްކޮޑުގައި ހިމެނެނީ 14 ކުޅުންތެރިންނާއި ދެ އޮފިޝަލުންނެވެ. މި ކުޅުންތެރިން އިންޑިއާއަށް ފުރާނީ މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނެވެ. މިމުބާރާތުގައި 17 ޓީމަކުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ އަދި އަފްޣާނިސްތާނުގެ ޓީމުތައް ހިމެނެއެވެ.

މިމުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސީބީއެމްގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވީ މިއީ އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޗީފް މިނިސްޓަރ ބާއްވަވާ މުބާރާތެއްކަމަށެވެ. މިއީ ވަރަށް މޮޅެތި ޓީމުތަކެއް ވާދަކުރާ މުބާރާތަކަށްވާއިރު މިމުބާރާތުގެ ސަބަބުން ގައުމީ ކުރިކެޓު ޓީމަށް އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް އިސްހާގު ފާހަގަކުރެއްވިއެވެ.

"މަދްޔަޕްރަދޭޝްގެ ޕްރިމިއަރ ލީގު މިއީ އަސްލު. މިމުބާރާތަކީ އަޅުގަނޑުމެން މިހާ ހިސާބަށް ކުޅޭ އެންމެ ވަރުގަދަ މުބާރާތަށް ވާނެ. ވަރުގަދަ އޮޕޮޒިޝަނަކާއި ބައްދަލުކުރަންޖެހޭ މުބާރާތަކަށްވާނެ" އިސްހާގު ވިދާޅުވިއެވެ.

މިމުބާރާތަށް ގައުމީ ޓީމުން ތައްޔާރުވާތާ ދެމަހެއްހާ ދުވަސްވެފަވާއިރު ޓީމުގެ ފަރިތަކުރުންތައް ދިޔަގޮތާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށް އިސްހާގު ފާހަގަކުރެއްވިއެވެ. ނެޗުރަލް ޓާފެއް ނެތުމުގެ ދަތިކަން ފިޔަވައި އިތުރު ގޮންޖެހުމެއް މުބާރާތަށް ތައްޔާރުވުމުގައި ދިމާނުވާކަމަށާއި ޓީމުގެ ފެންވަރާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށް އިސްހާގުވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އަބަދުވެސް އުންމީދަކަށް އޮންނާނީ ދާ ކޮންމެ މުބާރާތެއްވެސް ކާމިޔާބުކުރުން. މިމުބާރާތަކީ ވަރަށް ޗެލެންޖިން މުބާރާތެއް. އެހެންނަމަވެސް ޓީމުގަ ފެންވަރު އެބަހުރި، ހަމައެކަނި ޓީމު ކުޑަކުޑަކޮށް އެކަތިގަނޑަކަށް ވެލައިގެން ކުޅެފި ނަމަ އަޅުގަނޑު ދަންނަވާނީ ރަނގަޅު ކާމިޔާބަކާއިއެކުއޭ އަންނާނީ" އިސްހާގު ވިދާޅުވިއެވެ.

ޓޮޕް ލެވެލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ވާދަކުރާ 9 ވަނަ ސިދީ ޗެލެންޖު ކަޕު ކުރިއަށްދާނީ މިމަހުގެ 9 އިން 21 އަށް އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޗަތުރާސަލް ސްޓޭޑިއަމްގައެވެ.