ޚަބަރު

ނިރުބަވެރިކަމާ ދެކޮޅަށް ޕާކިސްތާނާ ގުޅިގެން މަސައްކަތްކުރާ މިންވަރު އިތުރުކުރުމަށް ޗައިނާއިން ބޭނުންވޭ


ނިރުބަވެރިކަމާއި މުވާސަލާތީ އާލާތްތައް ބޭނުންކޮށްގެން ކުރާ ކުށްތަކާ ދެކޮޅަށް ޕާކިސްތާނާއެކު އިތުރަށް މަސައްކަތްކޮށް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށް ޗައިނާއިން ބުނެފިއެވެ. ޗައިނާއިން އެހެން ބުނީ އެ ޤައުމުގެ އާއްމު ސަލާމަތާ ބެހޭ ވަޒީރު، ވެންގް ޝައޮހޮންގއާއި ޕާކިސްތާނުގެ ދާޚިލީ ވަޒީރު، މުޙްސިން ނަޤްވީއާ ދެމެދު ބެއިޖިންގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަަލުވުމުގައި ވޭންގް ވަނީ ދެ ޤައުމަށް ކުރިމަތިވެފައިވާ ތަފާތު ނުރައްކާތަކާއި ގޮންޖެހުންތަކަށް އެދެވޭ ޙައްލެއް ހޯދައި، ދެ ޤައުމުގެ ޤައުމީ ސަލާމަތާއި އިޖުތިމާޢީ ހަމަޖެހުން ރައްކާތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަކުރައްވައިފައެވެ. ދެ ޤައުމުން ވެސް ވަނީ އެއްބާރުލުން އިތުރުކޮށް، ދެ ޤައުމުގެ ދެމެދުގައި ޖާސޫސީ މަޢުލޫމާތު ޙިއްޞާކުރުމުގެ އިތުރުން ޤާނޫނު ތަންފީޒުކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ޗައިނާއާއި ޕާކިސްތާނުން މި ފަދަ އެއްބަަސްވުމަކާ ހަމައަށް އައިސްފައި މި ވަނީ ޗައިނާއިން ޚަރަދުކޮށް ޕާކިސްތާނުގައި ހިންގައި ބޮޑެތި އުމްރާނީ މަޝްރޫޢުތަކުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ޕާކިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޙަމަލާތައް ތަކުރާރުކޮށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ޗައިނާ-ޕާކިސްތާނު އިޤްތިޞާދީ ކޮރިޑޯ، ސީޕީއެސް މަޝްރޫޢުއާ ގުޅުންހުރި މަސައްކަތްތެރިންނަށް މި ފަދަ ޙަމަލާތައް އަމާޒުވާލެއް އިތުރެވެ. ޕާކިސްތާނުގައި ޙަރަކާތްތެރިވާ ޗައިނާގެ ރައްޔިތުންނަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.