ކ.ގަމަރުގިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
ދޯނީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފެށިއެވެ. ފުލުހުން ވިދާޅުވިގޮތުގައި މި ހާދިސާގެ މައުލޫމާތު އެ މުއައްސަސާއަށް ލިބުނީ މިރޭ 7:10ހާއިރުއެވެ.
އަލިފާން ނިއްވާލާފައިވަނީ ގަމަރުގިރި ކައިރި ރިސޯޓެއްގެ މުވައްޒަފުންނާ ގުޅިގެން ކުރެވުނު މަސައްކަތަކުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި ދިވެހި ކެޕްޓަނަކާއި ދެ ބިދޭސީން ހިމެނޭހެން 3 މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި ދޯންޏަށްވެސް ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ އެ ދޯންޏަކީ ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށެވެ.