ޢާންމު ބަލިތަކަށް ޚާއްޞަކޮށްގެން ހެންވޭރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖެނެރަލް ޕްރެކްޓިސް، ޖީޕީ ކުލިނިކު ތަރައްޤީކުރާނީ ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބިމުގައި ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ. މި ކުލިނިކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ގްރޭޓަރ މާލޭ އޭރިއާގައި ޖުމްލަ 6 ޖީޕީ ކުލިނިކެއް ހުޅުވުމަށެވެ. މީގެ ތެރޭގައި މާލޭގެ 4 ސަރަޙައްދެއްގައި ތަރައްޤީކުރާ 4 ކުލިނިކާއި، ހުޅުމާލޭގައި ތަރައްޤީކުރާ 2 ކުލިނިކު ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން މާފަންނުގައި ތަރައްޤީކުރި ކުލިނިކުގެ ޚިދުމަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، ހެންވޭރުގައި ތަރައްޤީކުރާ ޖީޕީ ކުލިނިކުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ބިމުގައި ހުރި ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ. މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ މި ހިނގާ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ކުލިނިކާ ގުޅޭގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 'އަމާން އުދަރެސް' ގައި ތަރައްޤީކުރާ ކުލިނިކުގެ މަސައްކަތް މިހާރު ބަޔަކާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުލިނިކުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޖެނެރަލް ޕްރެކްޓިސް ކުލިނިކުތަކަކީ، މާލެ ސަރަޙައްދުގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތަކަށް އޮންނަ ލޯޑު ކުޑަކުރުމަށްޓަކައި މާލޭގައި ޤާއިމު ކުރާ ކުލިނިކުތަކެކެވެ. އެކި ދުވަސްވަރު އިތުރުވާ ހުމާ ރޯގާގެ ކޭސްތަކާއެކު ހުރިހާ ޢުމުރެއްގެ މީހުންވެސް އަވަސް ޚިދުމަތް ހޯދުމަށްޓަކައި ހޮސްޕިޓަލްތަކުގެ އީއާރަށް ދިޔުމުން އެތަންތަނުގެ ބޭނުން އެންމެ ބޮޑަށް ޖެހިގެން އަންނަ ސީރިއަސް ކޭސްތަކަށް ސަމާލުކަން ދެވޭ ނިސްބަތް ދަށްކަން ހޮސްޕިޓަލުގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ. އެހެންކަމުން ޖީޕީ ކުލިނިކުތަކާއެކު އެކަމަށް ޙައްލެއް ގެނެސް، ދުނިޔޭގެ އެހެން ތަންތަނުގައިވެސް ޚިދުމަތް އިންތިޒާމު ކޮށްފައިވާ ގޮތަށް އާންމު ބަލިތަކާއި ގުޅިގެން އިތުރުވާ ކޭސްތަކަށް ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ރާއްޖޭގައިވެސް ޤާއިމުވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި ޖީޕީ ކުލިނިކުތަކަކީ އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކަށް ބާރުބޮޑުވުން ކުޑަކުރުމަށާއި، ރައްޔިތުންނާ ގާތުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް މުހިންމު ކަމެއް ކަމަށްވެސް ސަރުކާރުން ގަބޫލުކުރެއެވެ.