އޭނާ އަކީ ކޮންމެ ކަމަކަށް އާނއެކޭ ބުނާނެ މީހަކަށް ނުވާނެ ކަމަށް ޗެލްސީގެ އައު ކޯޗު ލިއަމް ރޮޒީނިއާ ބުނެފި އެވެ.
އުމުރުން 41 އަހަރުގެ ކޯޗު މިހެން ބުނީ ޗެލްސީގެ ވެރިން ހިންގާ ކުލަބެއް ކަމަށްވާ ފްރާންސްގެ ސްޓްރާސްބޯގް އިން ޗެލްސީ އަށް އޭނާ ގެނައީ ވެރިން ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ މީހަކަށްވާތީ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
"އަހަރެން އައީ ކޮންމެ ކަމަކަށް އާއެނކޭ ބުނާކަށް ނޫން. އަހަރެންގެ އަމިއްލަ ނިންމުންތައް އަހަރެން ނިންމާނީ. އަހަރެން އައީ މިނިވަންކަމާއެކު މަސައްކަތް ކުރަން. އަހަރެން މަސައްކަތް ކުރާނީ އަހަރެންގެ ވިސްނުންތަކާއެކު ކާމިޔާބު ހޯދަން. އެކަމަށްޓަކައި އަހަރެން 24 ގަޑިއިރު މަސައްކަތް ކުރާނަން. އަހަރެންގެ ހިތްވަރު އެބަހުރި،" ކޯޗު ބުންޏެވެ.
އޭނާ ބުނީ މީގެ ކުރިން އޭނާ މަސައްކަތް ކުރި ގިނަ ކުލަބުތަކެކޭ ވެސް އެއްފަދައިން ޗެލްސީ އަކީ ވެސް ދާއިމީ ތަނަކަށް ނުވާނެކަން އެނގޭ ކަމަށެވެ. މިހެންވެ މަސައްކަތް ކުރާނީ ކުޅުންތެރިންނާ ގުޅިގެން ކާމިޔާބު ޓީމަކަށް ކުލަބު ބަދަލު ކުރަން ކަމަށެވެ.
"އެއްވެސް މީހަކަށް ކާމިޔާބު ލިބޭނެކަން ޔަގީންކޮށް ނުދެވޭނެ. މިތަނުގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އެބަތިބި. އަހަރެން މަސައްކަތް ކުރާނީ އެ މީހުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އަހަރެން ބޭނުންވާ ހިސާބަށް ގެންގޮސް ސަޕޯޓަރުން ހިތްހަމަ ޖައްސަން،" ކޯޗު ބުންޏެވެ.
ޗެލްސީގައި މަސައްކަތް ކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރީ މުޅިން ވެސް އާދައިގެ ޓީމުތަކުގަ އެވެ. މިހެންވެ ބޮޑު ކުލަބެއްގެ ތަޖުރިބާނެތި ޕްރެޝަރުގައި ހިފަހައްޓާލެވިދާނެތޯ އެހުމުން ރޮޒީނިއާ ބުނީ ކޮންމެ މީހަކު ވެސް ކުރާނީ މަސައްކަތް ކަމަށެވެ.