ޚަބަރު

ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ދަށުން އެމްއެމްއޭއިން ވަޒީފާދޭނެ އުސޫލު އާންމުކޮށްފި


  • އުމުރުން 75 އަހަރާ ހަމައަށް އެމްއެމްއޭގެ ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު

  • 65 އަހަރުވުމުގެ 6 މަސްކުރިން ވަޒީފާގައި ދެމިތިބުމަށް އެދި ހުށަހަޅަންވާނެ

ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގަވާއިދު އާންމުކޮށްފިއެވެ.

ރީ-އެމްޕްލޯއިމަންޓް ޤާނޫނަކީ މިއަހަރު އަމަލުކުރަން ފަށާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން އެ އިދާރާގައި ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ ދަށުން އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދޭނެއެވެ. މި ވަޒީފާ ހަމަޖައްސާނީ 12 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަހަރުން އަހަރަށް އެއްބަސްވުން އައު ކުރާގޮތަށެވެ.

ގަވާއިދުގެ ދަށުން 75 އަހަރުވަންދެން ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ދޭނީ އެ އުމުރާ ހަމައަށް އެމްއެމްއޭގައި ދެމިހުންނަށް އެދޭ ފަރާތްތަކާއި ޕެންޝަން ޙައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުގެ ތެރެއިން ޤަވާއިދަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އަލުން ވަޒީފާ ހަމަޖައްސަން އެދޭ ފަރާތްތަކަށެވެ. އަލުން ވަޒީފާ ހަމަޖެހޭނީ އުމުރުން 75 އަހަރު ހަމަވުމާ ދެމެދު މަދުވެގެން 13 މަސްދުވަސް އޮތް ފަރާތްތަކަށް ކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެމްއެމްއޭއިން ވިދާޅުވެފައިވާ ގޮތުގައި އެ އިދާރާގެ ދާއިމީ މުވައްޒަފަކު ވަޒީފާގައި ދެމިހުންނަށް އެދޭނަމަ އުމުރުުން 65 އަހަރު ފުރުމުގެ 6 މަސް ދުވަހުގެ ކުރިން ހުށަހަޅަންވާނެ ކަމަށެވެ.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަދޭއިރު އެ މީހަކު ޕެންޝަން ޙައްގުވާ އުމުރު ހަމަވިއިރު ހުރި މަޤާމު ނުވަތަ އެހެން މަޤާމެއްވެސް ދެވިދާނެ ކަމަށް ޤަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. އަދި ކުރިން ހުރި މަޤާމުގެ މަސްއޫލިއްޔަތު ބަދަލުކޮށް މުސާރައާ އިނާޔަތްތަކަށް ބަދަލުގެނެސްގެންވެސް ވަޒީފާ ހަމަޖެއްސޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އަލުން ވަޒީފާ ހަމަޖެހުމަށްފަހު އެ ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކުން 21 ދުވަހުގެ ނޯޓިސް ދޭންވާނެ ކަމަށާއި މި އުސޫލުގެ ދަށުން ވަޒީފާއަށް ވަންނަ ފަރާތްތަކުގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތަށް ގަވަރުނަރު ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުން ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނު ވުޖޫދަށް ގެނައީ އުމުރުން 65 އަހަރުވުމުން ރިޓަޔަރވާންޖެހުނު ނަމަވެސް އެއަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.