ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕުގެ ފައިނަލަށް ކުލަބް އެމްޓީސީސީ އަށް ދެވުނީ ކުޅުންތެރިންނަށް ދިން ޓާސްކުތައް އެންމެ ފުރިހަމައަށް އަދާކުރުމުން ކަމަށް އެމްޓީސީސީގެ ކޯޗު ނިޒާރު އިބްރާހީމް ބުނެފިއެވެ.
އެމްޓީސީސީން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި ހުރާ ކޮމިއުނިޓީ ކްލަބްގެ މައްޗަށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ނިޒާރު ބުނީ އެމްޓީސީސީއަށް ސެމީ ފައިނަލް މެޗު އުނދަގޫވީ ހުރާގެ ބިދޭސީ ކުޅުންތެރިޔާއަށް އަނިޔާވި ހިސާބުން މެޗު ފަސޭހަކޮށްލެވުމުން ކަމަށެވެ. އަދި މިއީ ފައިނަލަށް ނުކުންނައިރު، ލިބޭ ފިލާވަޅެއް ކަމަށް ނިޒާރު ފާހަގަކުރިއެވެ.
ނިޒާރު ބުނީ އެމްޓީސީސީ އުފެދުނީއްސުރެ، އެ ޓީމުގެ ފުރަތަމަ އަމާޒަކީ ކުޅޭ ކޮންމެ މުބާރާތެއްގެ ފައިނަލުގައި ވާދަކުރުން ކަމަށެވެ. އެކަން ހާސިލްވެއްޖެ ކަމަށް ނިޒާރު ފާހަގަކުރިއެވެ.
އެމްޓީސީސީން ފައިނަލުގައި ވެމްކޯއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ސީނިއާ ހަތަރު ކުޅުންތެރިންނަކީ މީގެ ކުރިން ވެމްކޯގެ ސްކޮޑުން ފެނުނު ކުޅުންތެރިންނެވެ. އެކަމަކު އެ އީ އެމްޓީސީސީއަށް އެޑްވާންޓޭޖެއް ނޫން ކަމަށް ނިޒާރު ފާހަގަކުރިއެވެ.
ނިޒާރު ވަނީ އެމްޓީސީސީގެ ފިރިހެން ޓީމު ގޮވައިގެން އެސޯސިއޭޝަން ކަޕު ކާމިޔާބުކޮށްފައެވެ. އެމްޓީސީސީގެ ފިރިހެން ޓީމަކީ ވެސް އެސޯސިއޭޝަން ކަޕުގައި މުޅިން އަލަށް ވާދަކުރި ޓީމެކެވެ.