މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ތުރުކީއާއި ރެއާލް މެޑްރިޑްގެ ޒުވާން ތަރި އާރްދާ ގުލާ އަކީ އެންމެ މޮޅު މިޑްފީލްޑަރުކަމަށް، ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް ޑްރިބްލަރު، ބްރެޒިލްއާއި ސަންޓޯސްގެ ތަރި ނޭމާ ޖޫނިއަރ ބުނެފިއެވެ.
ޔޫޓިއުބް އިންޓަވިއުއެއްގައި ވާހަކަދައްކަމުން ނޭމާ ބުނީ، ގުލާ އަކީ ވަރަށް ހުނަރުވެރި، ފުޓުބޯޅައިގައި ތޫނުފިލި ކުޅުންތެރިއެއް ކަމަށާއި، މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ އެއީކަމަށް ގަބޫލުކުރާ ކަމަށެވެ.
ގުލާއަށް ތައުރީފުކޮށް ނޭމާ ވާހަކަދައްކައިފައިވާއިރު، ގުލާގެ ސޮއި ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން އާސެނަލްއާއި ޕްރިމިއަރ ލީގުގެ އެހެން ބޮޑެތި ބައެއް ކުލަބުތަކުން ވެސް އަންނަނީ އެ މަސައްކަތްކުރަމުންނެވެ.
އުމުރުން 20 އަހަރުގެ ގުލާ، އޭނާ މިހާރު ކުޅެމުން އަންނަ ރެއާލް މެޑްރިޑަށް ސޮއިކުރީ 2023 ވަނަ އަހަރުއެވެ. އޭނާ ސީނިއަރ ކެރިއަރު ފެށީ ތުރުކީގެ ފެނަބާޗޭއިންނެވެ. އެއީ 2021 ވަނަ އަހަރު، އުމުރުން އެންމެ 16 އަހަރުގައެވެ.
ރެއާލްއާއެކު މި ވީ މުއްދަތުގެ ތެރޭގައި ގުލާ ވަނީ އެ ޓީމަށް ކުޅެދިން 88 މެޗުން 15 ލަނޑު ކާމިޔާބުކޮށްދީ 19 އެސިސްޓު ވެސް ކޮށްދީފައެވެ.
އަދި މިހާތަނަށް އެ ޓީމާއެކު ގުލާ ވަނީ ލަލީގާ، ސްޕެނިޝް ސުޕާ ކަޕް، ޔޫއެފާ ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕާ ކަޕް، ފީފާ އިންޓަކޮންޓިނެންޓަލް ކަޕް އެއް ފަހަރަށް ކާމިޔާބުކޮށްފައެވެ.
ތުރުކީގެ ޤައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގުލާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 26 މެޗުން، ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.