ޚަބަރު

އެމެރިކާގެ އަސްކަރީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެންނަން ޔަހޫދީން މަސައްކަތް ކުރަނީ


ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި، އެމެރިކާއިން ފޯރުކޮށްދެމުންދާ އަސްކަރީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ ބުނީ ޔަހޫދީންގެ އެންމެ ބޮޑު މަދަގުދާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ދާދިފަހުން ބޭއްވި ބައްދަލުވުމުގައި، އެމެރިކާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރި ކަމަށާއި ނަމަވެސް، އެ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނެސް، އަމިއްލައަށް އަސްކަރީ ޤާބިލުކަން އުފައްދަންޖެހޭ ކަމުގެ ޚިޔާލު ޙިއްޞާކުރި ކަމަށެވެ.

ބޭރުގެ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށްޓަކައި، ޔަހޫދީން އަމިއްލައަށް ހަތިޔާރު އުފެއްދުމުގެ ޤާބިލުކަމަށް 110 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެކަމަށް، މިދިޔަ މަހުގެ ތެރޭގައި ނަތަންޔާހޫ ވަނީ ހާމަކޮށްފައެވެ.

ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ އާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.

2028ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ ފަހުމްނާމާގެ ދަށުން، 38 ބިލިއަން ޑޮލަރުގެ ހަތިޔާރާއި، އަސްކަރީ އާލާތްތައް ގަތުމަށް 33 ބިލިއަން ޑޮލަރުގެ ހިލޭ އެހީ، އަދި އަސްކަރީ ދިފާޢީ ނިޒާމުތައް ޤާއިމުކުރުމަށް އިތުރު ފަސް ބިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފައެވެ.