ޚަބަރު

ދެކުނު އެފްރިކާގެ ކަނޑުގެ ސަރަޙައްދުގައި އީރާނާއި ޗައިނާއާއި ރަޝިޔާގެ އަސްކަރީ ޙަރަކާތެއް


ޗައިނާއާއި ރަޝިޔާއާއި އީރާނުން ގުޅިގެން ދެކުނު އެފްރިކާގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުގެ ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ.

ދެކުނު އެފްރިކާއިން ބުނީ އެ ތަމްރީންތަކަކީ ކަނޑުދަތުރުކުރުމުގެ ދާއިރާއާއި ކަނޑުގެ އިޤްތިޞާދީ ޙަރަކާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބްރިކްސް ޕްލަސްއިން ކުރިއަށް ގެންދާ ޚާއްޞަ ޙަރަކާތެއް ކަމަށެވެ. އަސްކަރީ ޙަރަކާތް ކުރިއަށް ގެންދަނީ ތިން ޤައުމަކުން ގުޅިގެން ނަމަވެސް އޮބްޒާވަރުންގެ ހައިސިއްޔަތުން ބްރެޒިލްެއާއި އިތިއޯޕިޔާއާއި މިޞްރުން އެ ޙަރަކާތުގައި ދަނީ ބައިވެރިވަމުންނެވެ.

ބްރިކްސް ޕްލަސްއަކީ ބެރެޒިލްއާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާގެ މައްޗަށް އެކުލެވޭ ބްރިކްސްއާ އަލަށް ގުޅިފައިވާ ނުވަތަ ބްރިކްސްއާއެކު ގާތުން މަސައްކަތްކުރާ ޤައުމުތަކެވެ. ބްރިކްސް ޕްލަސްއަށް އިތުރުވި ޤައުމުތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި އިންޑޮނޭޝިޔާއާއި އެތިއޯޕިޔާއާއި އެކުވެރި ޢަރަބި އިމާރާތް ހިމެނެއެވެ.

ދެކުނު އެފްރިކާއިން ޗައިނާއާއި ރަޝިޔާއާއެކު ކަނޑުގެ އަސްކަރިއްޔާގެ ޙަރަކާތްތައް އަބަދު ވެސް ކުރިއަށްގެންދާ ޤައުމެކެވެ. ނަމަވެސް މި ފަހަރުގެ ޙަރަކާތް ކުރިއަށް ގެންދަނީ އެމެރިކާގެ ސަރުކާރާ، ޗައިނާއާއި އީރާނާއި ދެކުނު އެފްރިކާއާއި ބްރެޒިލް ހިމެނޭހެން ބްރިކްސް ޕްލަސްގެ ގިނަ ޤައުމުތަކާ ދެެމެދު އޮންނަ ގުޅުން ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބްރިކްސްގެ ޤައުމުތަކުން އެމެރިކާއާ ދެކޮޅު ސިޔާސަތުތައް ކުރިއަރުވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ބްރިކްސްގެ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން އެހެން ޤައުމުތަކުން ނަގާ ޑިއުޓީގެ ޢަދަދަށްވުރެ ދިހަ އިންސައްތަ އިތުރު ޓެރިފެއް ކަނޑައަޅާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.