ޚަބަރު

ޙާލު ދެރަވި ޢުމްރާވެރިޔާ ރާއްޖެ ގެނެސް ފަރުވާ ދެނީ


  • އެމީހާ ރާއްޖެ ގެނައީ މޯލްޑިވިއަންގެ ފްލައިޓެއްގައި

  • މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

ޢުމްރާގެ އަޅުކަމަށް ގޮސް ހުއްޓާ ޙާލު ދެރަވި މީހާ ރާއްޖެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.

ފަރުވާ ދެމުންދަނީ، 57 އަހަރުގެ އަންހެނަކަށެވެ.

މި މީހާ ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި، ސިއްޙީ އެހީތެރިންގެ އެހީތެރިކަމާއެކުގައެވެ.

ބަލިމީހާ މާލެ ގެނެސް ފަރުވާ ދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ. އައިޖީއެމް ހޮސްޕިޓަލުން މަޢުލޫމާތުދީފައިވާ ގޮތުގައި އެމީހާއަށް ފަރުވާ ދެމުންދަނީ، އައިޖީއެމް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައެވެ. ނަމަވެސް އެމީހާގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ޙިއްސާކޮށްފައެއް ނުވެއެވެ.

މިދިޔަ އަންގާރަ ދުވަހު އިސްލާމީ ކަންތައްތަކަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެޑްމިޓްކޮށްފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް ޢާއިލާއާ ގުޅިގެން ކުރަމުންދާ ކަމަށާއި، 10 ވަނަ ދުވަހު އެމީހާ މާލެ ގެނެވޭނެ ކަމަށެވެ. މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރުލުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި މީހާއަކީ އަލް ވާދީ ޢުމްރާ ގްރޫޕުގެ ޙަވާލުގައި ޢުމްރާގެ އަޅުކަމަށް ދިޔަ މީހެކެވެ.

މިފަހަރު ބޮޑު ޗުއްޓީގައި ގިނަ ޢަދަދަކަށް ޢުމްރާގެ އަޅުކަމަށް މީހުން ދިޔައެވެ. މައުލޫމާތުލިބޭ ގޮތުގައި އެކި ގްރޫޕްތަކުގެ ޙަވާލުގައި 7000 އަށްވުރެ ގިނަ މީހުން، ޗުއްޓީ ތެރޭ ޢުމްރާގެ އަޅުކަމަށް ސަޢުދީއަށް ދަތުރު ކޮށްފައިވެއެވެ.