ޚަބަރު

އާބެލޯއާގެ ކޯޗުކަމުގައި ރެއާލް ފުރަތަމަ މެޗުން ބަލިވެ ކޮޕާ ޑެލްރޭއިން ކަޓައިފި


ޔޫރަޕާއި ސްޕެއިންގެ ފުޓުބޯޅައިގެ ގަދަބާރު ރެއާލް މެޑްރިޑުގެ ކޯޗުކަމާ އަލްވާރޯ އާބެލޯއާ ހަވާލުވިފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ އަލްބަސެޓޭ އަތުން ބަލިވެ، ކޮޕާ ޑެލްރޭއިން ކަޓައިފިއެވެ.

ސްޕެނިޝް ސުޕާ ކަޕުގެ ފައިނަލުގައި ބާސެލޯނާ އަތުން ވީ ބައްޔާއެކު އެ ޓީމުގެ ކޯޗުކަމުން ޒަބީ އެލޮންސޯ ވަކިކުރުމަށްފަހު އާބެލޯއާ ޓީމު ހަވާލުކުރިފަހުން ކުޅުނު ފުރަތަމަ މެޗުގައި އަލްބަސެޓޭ އަތުން ރެއާލް ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ރެއާލުން ނުކުތީ، އަނިޔާގެ މައްސަލަތައް ކޮންމެވެސް ވަރަކަށް ހުރި ބައެއް ކުޅުންތެރިންނަށް އަރާމުކުރުމަށް ވަގުތު ދިނުމުގެ ގޮތުން އެ ކުޅުންތެރިން ނުލައެވެ. އެގޮތުން މި މެޗުގައި، ކިލިއަން އެމްބާޕޭ، ރޮޑްރީގޯ، ޖޫޑް ބެލިންހަމް، ތިބޮއު ކޯޓުއާ ހިމަނާފައެއް ނުވެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް އަލްބަސެޓޭއިންނެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަވީ ވިލާއެވެ.

ރެއާލް އިން ވަނީ މެޗު ނިމުމުގެ ކުރިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ރެއާލަށް މި ލަނޑު ޖަހައިދިނީ ފްރެންކޯ މަސްޓެންޓޫނޯއެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ ގިނަ ވަގުތުތަކެއް ކުޅުމަށްފަހު މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑުނެގީ އަލްބަސެޓޭއިންނެވެ. މި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެންޓަންކޯރު އެވެ. އޭގެފަހުން، މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ރެއާލުން އަލުން ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާއެވެ.

މިއާއެކު ރެއާލުން އުއްމީދެއްގައި ކުޅެމުން ދަނިކޮށް، އަލްބަސެޓޭ ވަނީ އިތުރު ލަނޑެއް ޖަހައި މެޗު ކާމިޔާބުކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބުކޮށްދިނީ ބެންޓަންކޯރުއެވެ.

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ތާވަލުގައި 17 ވަނައިގައި އޮތް ޓީމެއްގެ އަތުން ބަލިވެ ރެއާލުން މުބާރާތާ އަލްވަދާއުކީ އިރު، ވާދަވެރި ބާސާއިން މިރޭ ރޭސިންއާ ދެކޮޅަށް ނުކުންނާނެއެވެ.