އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭއިރު އެންމެ ދަތިވާނީ އެގައުމުގެ ސަޕޯޓަރުންގެ ސަބަބުން ކަމަށް ސެނަގާލްގެ ކޯޗު ޕާޕާ ތިއޯ ބުނެފި އެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ މިރޭ ދަންވަރު ކުޅޭ ފައިނަލް މެޗަކީ އެފްރިކާގެ ބައްރުން ރީތި މަންޒަރެއް ދައްކާލަން ޖެހޭ މެޗެއް ކަމަށެވެ. މިހެންވެ ކޮންމެ ބަޔަކު މޮޅުވިޔަސް އެންމެން ވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
"އެފްރިކާ އަށް ހުތުރެއް އަޔަދީގެން ނުވާނެ. އެއީ ވަރަށް މުހިންމު ކަމެއް. ފުޓްބޯޅައިގައި ފައިނަލަކުން އަބަދުވެސް މޮޅުވާނީ އެއް ޓީމު. އަހަރުމެން އެކަން ހަނދާން ނައްތާލައިގެން ނުވާނެ. ދެން މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ފައިނަލްގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. ސަބަބަކީ އެ މީހުންގެ ސަޕޯޓަރުގެ ސަބަބުން. އެކަމަކު ދަނޑުމަތީގައި މެޗު ކުޅޭނީ ކޮންމެ ޓީމަކުން 11 ކުޅުންތެރިން،" ކޯޗު ބުންޏެވެ.
އޭގެ އިތުރުން ސެނަގާލްގެ ޑިފެންޑަރު މޫސާ ނިޔާކަޓޭ ބުނީ ސެމީ ފައިނަލަށް ދިއުމަކީ ސެނަގާލަށް އާދައިގެ ކަމެއް ކަމަށާއި ފައިނަލަށް ކުޅުމަކީ ވެސް މާ ހާއްސަ ކަމެއް ނޫން ކަމަށެވެ.
"ސަބަބަކީ އަހަރުމެންނަށް މިހާރު މި ހިސާބަށް އާދެވޭތީވެ. ވަރަށް ގިނަ ފަހަރު އަހަރުމެން މިދިޔަ 10ވަރަކަށް އަހަރު މި ހިސާބަށް ދަތުރުކޮށްފިން. އަހަރުމެން އަބަދުވެސް މެޗަށް ނުކުންނާނީ އިދިކޮޅު ޓީމަށް އިހްތިރާމާއެކު. އެއީ އަހަރުމެން ގަބޫލުކުރާ ސިފައެއް. ކޮންމެވެސް އެއްބަޔަކަށް ތަށި ލިބޭނީ. މޮރޮކޯ އަށް ނޫނީ އަހަރުމެންނަށް،" ޑިފެންޑަރު ބުންޏެވެ.
މިރޭގެ ފައިނަލަށް ނުކުންނައިރު ސެނެގާލްގެ ކެޕްޓަން ޚާލިދޫ ކުލިބާލޭ އަށް ނުކުޅެވޭނެ އެވެ. އޭނާ އަށް ހާނިއްކަވުމުގެ އިތުރަށް ދެ ރީނދޫ ކާޑު ވެސް ވަނީ ހަމަވެފަ އެވެ. އަދި މިއީ ފޯވަޑް ސާދިއޯ މާނޭ އެފްރިކާ ކަޕުގައި ކުޅޭނެ ފަހު މެޗެވެ. އޭނާ ބުނެފައިވަނީ މިމެޗަށް ފަހު ދެން މި މުބާރާތުގައި ނުކުޅޭނެ ކަމަށެވެ.
ސެނެގާލް ވަނީ މި މުބާރުގެ ތަށި 2021 ވަނަ އަހަރު ހޯދައިފަ އެވެ. އަދި މިއީ އެ މީހުންގެ ހަތަރު ވަނަ ފައިނަލެވެ.