ޚަބަރު

ވެލެންސިއާ ބަލިކޮށް، ބާސާއަށް 2 ޕޮއިންޓްގެ ލީޑެއް


  • ބާސާ މިމެޗު ކާމިޔާބު ކުރީ 5 ލަނޑު ސުން ލަނޑުން

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށް ތާވަލްގައި 2 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ވެލެންސިއާގެ އެސްޓާޑިއޯ ޑި މަސްޓެޔާގައި ކުޅުނު މިމެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު ސުން ލަނޑުންނެވެ. ބާސާއިން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރި މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީވެސް ބާސާއިންނެވެ. މިމެޗުގައި ބާސާއިން ވަނީ 25 ހަމަލާ އުފައްދާފައެވެ. ބާސާއިން ވަރަށް ފޯރީގައި ފެށި މެޗުގެ 6 ވަނަ މިނެޓުގައި ބާސާއިން ވަނީ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު ފަރމިން ލޯޕޭޒް ނަތަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ ލެމީން ޔަމާލްއެވެ.

މިމެޗުގައި ބާސާގެ ދެވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ތަނަވަސްކޮށްދިން ލޯޕޭޒްއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މިމެޗުގެ ދެވަނަ ހާފުވެސް ބާސާއިން ފަށާފައިވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް އެހާމެ ފޯރީގައެވެ. މިމެޗުގައި ބާސާއިން ކާމިޔާބު ކުރި 3 ވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ލޯޕޭޒް ވަރަށް މަސައްކަތުން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކެޕްޓަން ރަފީނިއާއެވެ. މިއީ ރަފީނިއާ މިސީޒަންގައި ކާމިޔާބު ކުރި 6 ވަނަ ލަނޑެވެ. ބާސާގެ 4 ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޕެޑްރީ ޖަހައިދިން އިރު އެޓީމުގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޔަމާލްއެވެ.

މިމެޗު ވެގެންދިޔައީ 65 މިލިއަން ޕައުންޑްގެ އަގަކަށް ސިޓީއިން ބާސާއަށް ބަދަލުވި ރޮޑްރީ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އަދި މިމެޗުގެ ދެވަނަ ހާފުގައި ގެބްރިއެލް ހޭސުސްވެސް ވަނީ ފުރަތަމަ ފަހަރަށް ބާސާގެ ޖަރޒީގައި ފެނިގެން ގޮސްފައެވެ.

މިކާމިޔާބީ އާއެކު ބާސާއިން މިވަނީ މިފަހަރު ލީގުގައި ކުޅުނު 4 މެޗު ކާމިޔާބު ކޮށް 12 ޕޮއިންޓާއެކު ތާވަލްެގެ އެއްވަނައިގާ 2 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި ބާސާއިން މިވަނީ އެޓީމާއި އެންމެ ބޮޑަށް ވާދަކުރާ ރެއާލް މެޑްރިޑަށް މިހަފްތާގައި އެޓީމު ކުޅުނު މެޗުން ބަލިވި ބަލިވުމުގެ ފައިދާ ފުރިހަމައަށް ނަގައިފައެވެ.

ބާސާއިން ހަތަރު މެޗު ކާމިޔާބު ކުރުމުގެ އިތުރުން މިސީޒަންގައިވަނީ 17 ލަނޑު ކާމިޔާބު ކޮށްފައެވެ. މިމެޗުން ބަލިވި ވެލެންސިއާ އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.