ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕް 2026ގައި ކުލަބް ވެމްކޯއިން މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވެމްކޯ ފައިނަލުގެ ޖާގަ ކަށަވަރުކުރީ އާދީއްތަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގައި ޕޮލިސް ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.
މިއީ ވެމްކޯ މި މުބާރާތުގެ ފައިނަލުގައި ވިދިވިދިގެން ކުޅޭނެ ހަވަނަ ފަހަރެވެ. އެ ޓީމުން ވަނީ މިދިޔަ ފަސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެހެންވެ ފައިނަލް މެޗު ކާމިޔާބުކޮށް އެ ޓީމަށް ތަށި ވިދިވިދިގެން ދެވަނަ ފަހަރަށް މިލްކު ކުރުމުގެ ފުރުސަތު އެބައޮތެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު، މި ސެޓުގައި ވެމްކޯގެ ތަފާތަކަށްވީ އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ވަރަންޔާ ސިރިލާއޮންގް އާއި ކުއްޓިކައެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 25-21 އިންނެވެ.
މެޗުގެ ދެވަނަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގެ މެދާ ހަމައަށްވެސް ދެ ޓީމަށް ބޮޑު ލީޑެއް ނުނެގުނެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ޕޮލިސް ކުޅުންތެރިން ކޮންސަންޓްރޭޝަން ދަށްވިއިރު، އޭގެ ފައިދާ ނަގައި ވެމްކޯ އިން ވަނީ މި ސެޓު 25-19 އިން ގެންގޮސްފައެވެ.
މެޗުގެ ތިންވަނަ ސެޓު ފަށައިގެން ވެމްކޯއިން އިތުބާރާއެކު ކުޅުނުއިރު، މި ސެޓުގެ ވަރަށް ކުރީކޮޅު ވެމްކޯގެ ކެޕްޓަން އައިޝަތު މާޖިދާ (މާޖި)ގެ ކޮލިޓީ ސާވިސްތަކުގެ ފައިދާ ނަގައި ވެމްކޯއިން ވަނީ 10 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ، މި ސެޓު ވެމްކޯއިން ގެންދިޔައީ 25-12 އިންނެވެ.
މި ނަތީޖާއާއެކު ހޯމަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ވެމްކޯއިން ނުކުންނާނީ ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް ފައިނަލަށް ދަތުރުކުރި އެމްޓީސީސީއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމުގެ ކުރިމަތިލުން ވެމްކޯއިން ވަނީ ކާމިޔާބުކޮށްފައެވެ.