ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީސީސީން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން، ވީހާވެސް ގިނަ ބަޔަކަށް މައުރަޒުގައި ބައިވެރިވުމށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ.
މިދިޔަ އޮގަސްޓުމަހުގެ 31ގެ ނިޔަލަށް، 700އަށްވުރެ ގިނަ މީހުން މައުރަޒުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
މި މަޢުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މައުރަޒެކެވެ. މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ފަހު ހަފުތާގައެވެ.
ރާއްޖޭގައި ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތައް މާކެޓުކޮށް ކުރިއަރުވާ އާމްދަނީ އިތުރު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަކީ، ސަރުކާރުން ވިޔަފާރީގެ ދާއިރާއިން ގެންގުޅޭ އެންމެ ބޮޑު އެއް ޢަމާޒެވެ.