ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އަންނަމަހު ބޭއްވުމަށް ނިންމައިފިއެވެ.
މިއީ، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި، ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭ.އައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ހަރަކާތެކެވެ.
"ޖެނެރޭޓިވް އޭއައި ހެކަތޯން 2026" ބޭއްވުމަށް ހަމަޖެހިފައިވަނީ 6 އިން 8 ފެބުރުވަރީ 2026 އަށެވެ. އަދި މި ހެކަތޯނުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ 3 – 5 މެމްބަރުންގެ ޓީމްތަކަށް ހުޅުވައިލައިފައެވެ. މި ފުރުޞަތު، އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މި ހެކަތޯންގެ ޒަރިއްޔާއިން ޒުވާން އުފެއްދުންތެރިންތަކެއް އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތްތަކުގެ އުފެއްދުންތެރި ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސް އަދި ޕްލެޓްފޯމްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް މަދު ވަގުތެއްގެ ތެރޭގައި ބަދަލުކުރުމަށް އެހީތެރިވެދޭނެކަމަށް ދިރާގުން ވިދާޅުވިއެވެ. އަދި ޕްރޮޑަކްޓްތައް އުފެއްދުމުގެ ހުރިހާ މަރުހަލާއަކުން ފެށިގެން ޕްރޮޑަކްޓް ތައާރަފްކުރުމާ ހަމައަށް އޭ.އައިގެ ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެ ފާރަތްތަކުގެ އެހީއާއި އެއްބާރުލުން ލިބިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވީ، ޖެނެރޭޓިވް އޭ.އައި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި، މި ވަސީލަތްތައް ބޭނުންކުރުމަށް ވީހާވެސް ގިނަ ބަޔަކު އަހުލުވެރިކުރުވުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި މިއީ އެ ބޭނުމުގައި ބޭއްވޭ މުހިންމު ހަރަކާތެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭ.އައިގެ އެހީގައި ހައްލުތައް ހޯދައި، ތަކެތި އުފެއްދުމަށާއި، އެ އުފެއްދުންތައް ތަޖުރިބާކޮށް، ތައާރަފްކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް." މިރްޝާން ހަސަން ވިދާޅުވިއެވެ.
އެހެން ހެކަތޯންތަކާއި ޚިލާފަށް، ޖެން.އޭ.އައި ހެކްގައި ބޭނުންކުރާނީ އޯޕަން ކެޓެގަރީ ފޯމެޓެކެވެ. އަދި، މި ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ޚާއްސަކޮށްގެން މުޅިން އަލަށް އުފައްދާ ޕްރޮޑަކްޓްތަކެވެ. ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދާ މި ހެކަތޯންގެ ކޯ-ޕަރޓްނަރަކީ ސިނެޓެކްސްއެވެ.
"ނޯ ޝިޕިންގ، ނޯ ޕިޗިންގ" ޕްރިންސިޕަލްގެ ދަށުން ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕިޗުގެ ކުރިން އެ ޓީމުތަކުން ހަދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފްކުރަންޖެހެއެވެ. އެހެންކަމުން، ސްލައިޑް ޑެކް ނުވަތަ ކޮންސެޕްޓުއަލް ޑެމޯގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުލް ފަންކްޝަނަލް ޕްރޮޑަކްޓްތަކެވެ.