އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 20،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ރަޝިއާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިިޔަލަށް ރަޝިއާއިން ރާއްޖެއަށް ވަނީ 20,529 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި، 15,614 ފަތުރުވެރިންނާ އަޅާ ބަލާއިރު %23.9 އިތުރު އަދަދެކެވެ.
ރަޝިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަދި ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %15 ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިޓަލީވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 15,273 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 11,792 ފަތުރުވެރިންނާއެކު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޤައުމަކީ އިނގިރޭސިވިލާތެވެ.
ފަތުރުވެރިންގެ އަދަދުތަކަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެމުންދާ ޤައުމަކީ ޗައިނާއެވެ. މިދިޔަ އަހަރު ނިމުނު އިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމަށް ވީ ނަމަވެސް މިއަހަރުގެ ފުރަތަމަ 2 ހަފުތާ ނިމުނު އިރު ޗައިނާ އޮތީ ލިސްޓުގެ ހަވަނައިގައެވެ. އެހެންނަމަވެސް މިހާރު އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މިވަގުތު ޗައިނާއަކީ ރާއްޖެއަށް 4 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެޤައުމުން ރާއްޖެއަށް ވަނީ 9,366 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 135,555 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 125,339 ފަތުރުވެރިިންނާ އަޅާ ބަލާއިރު %8.2 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,134 ފަތުރުވެރިން އާދެއެވެ.