ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑް ހޯދަން އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންނުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ، އެންމެ އަރިސް ބޭފުޅުން އެކަމާ ދެކޮޅަށް ކުރެއްވި ވަކާލާތުގެ ސަބަބުންކަން ހާމަވެއްޖެއެވެ.
ޑާވޮސްގައި ކުރިއަށްދިޔަ ވޯލްޑް އެކޮނިިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑް އެމެރިކާގެ އިސްތިޢުމާރުގެ ދަށަށް ގެނައުމަށް އަސްކަރީ ބާރުގެ ބޭނުންނުކުރާނެ ކަމަށެވެ. އަދި ގްރީންލޭންޑް ގަންނަން އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސްއެޅުން ހުއްޓުވަން، ވިލާތުގެ އިއްތިޙާދުގެ އަށް ޤައުމަކަށް ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުން ވެސް އަނބުރާ ގެންނަވާފައިވާ ކަމަށް ޓްރަމްޕް ފަހުން ވަނީ މީސްމީޑިޔާ މެދުވެރިކޮށް އިޢުލާނުކުރައްވައިފައެވެ.
އެމެރިކާގެ ވައިޓް ހައުސްގެ ދެ އޮފިޝަލަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގްރީންލޭންޑް ހޯދުމަށް އެމެރިކާގެ ސަރުކާރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގައި، ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުން ވަނީ، އެކަން ޙާޞިލްކުރުމަށް ބާރުގެ ބޭނުންކުރުމާ ދެކޮޅު ހައްދަވައިފައެވެ. ގަދަބާރުން ގްރީންލޭންޑް ހޯދުމުގެ ވިސްނުންފުޅު ޓްރަމްޕް ދޫކޮށްލެއްވީ، އެ ބޭފުޅުން ދެކޮޅު ހެއްދެވުމުން ކަމަށް ނަން ހާމަކުރަން ނޭދޭ އޮފިޝަލުންނާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޓްރަމްޕް ދަނީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް އިސްތިއުމާރު ކުރައްވަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ އުންމީދު ހާޞިލް ކުރުމާ ގުޅޭގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 9ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ގްރީންލޭންޑުން ބޭނުން ވިޔަސް ނުވިޔަސް އެމެރިކާއިން ގްރީންލޭންޑު އިސްތިއުމާރުކުރުމަށް ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. ގްރީންލޭންޑް ޗައިނާ ނުވަތަ ރަޝިޔާގެ ބާރުގެ ދަށަށް ދިޔުމަށް އޭނާ އެދިވަޑައިނުގަންނަވާ ކަމަށް ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ގްރީންލޭންޑް އިސްތިއުމާރު ނުކުރާނަމަ ނަމަ އެމެރިކާގެ އަވަށްޓެރިންގެ ގޮތުގައި އޮންނާނީ ޗައިނާ ނުވަތަ ރަޝިޔާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑާ ގުޅޭގޮތުން އެއްބަސްވުމެއް އެކުލަވައިލުމުގެ އޮނިގަނޑާ ގުޅޭގޮތުން، ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓް އާއެކު ޑާވޮސްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް، އެކަމުގެ އިތުރު ތަފްޞީލެއް ޓްރަމްޕް އަދި ދެއްވާފައެއް ނުވެއެވެ.
ގްރީންލޭންޑު އިސްތިޢުމާރުކޮށްފިނަމަ، އެމެރިކާ އިސްވެ އޮތް ނޭޓޯ ރޫޅޭނަކަމަށް އެ އިއްތިޙާދުގެ ގިނަ މެމްބަރު ޤައުމުތަކުން ދަނީ ބުނަމުންނެވެ.