ޚަބަރު

ސްކޫލްތަކުގެ ކިޔެވުން އޮންނާނީ ރޯދަމަހުގެ ފުރަތަމަ ހަފްތާގައި އެކަނި


  • ފެބްރުއަރީ 22 އިން 26 ސްކޫލްތަކުގައި ކިޔެވުން އޮންނާނެ

  • މާޗް 1 އިން 8 އަށް ދަރިވަރުން ސްކޫލަށްދާކަށް ނުޖެހޭނެ

  • މާޗް 9 އިން 22އަށް ސަރުކާރު ބަންދުވާނެ

މިއަހަރުގެ ރޯދަމަހު، ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާގައި އެކަނިކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ތަޢުލީމީ ވުޒާރާއިން ވަނީ ދިރާސީ އައު އަހަރުގެ ކަލަންޑަރުގެ އެންމެ ފަހުގެ އަދާހަމަ އެ ވުޒާރާގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައި، ދިރާސީ އަހަރުގެ މުހިންމު ދުވަސްތަކާއި، ސަރުކާރުބަންދު ދުވަސްތަކާއި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންނަށްވެސް ބަންދު ދުވަސްތައް ވަނީ ފާހަގަކޮށްފައެވެ.

ކަލަންޑަރުގައި ފާހަގަކޮށްފައިވާ ބައެއް ދުވަސްތައް:

ޖެނުއަރީ 27: ދިރާސީ އަހަރު ފެށޭ ދުވަސް
ފެބްރުއަރީ 18: ރޯދަމަހުގެ ފުރަތަމަ ދުވަސް
ފެބްރުއަރީ 19: ސްކޫލް ބަންދު ދުވަހެއް
ފެބްރުއަރީ 22އިން 26: ސްކޫލްތަކުގައި ކިޔެވުން އޮންނާނެ
މާޗް 1 އިން8އަށް: ޓީޗަރުންގެ ޕީޑީ ޑޭ
މާޗް 9 އިން 22އަށް: ސަރުކާރު ބަންދު، ރޯދަމަހުގެ ފަހު 10 ދުވަސް
މާޗް 23: ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުން

މީލާދީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަސް ފެށޭނީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އެއަށްފަހު ފެބްރުއަރީ 19ވަނަ ދުވަހަކީ ސްކޫލު ބަންދު ދުވަހެކެވެ. އަދި ފެބްރުއަރީ 22 އިން 26އަށް ސްކޫލްތަކުގައި ކިޔެވުން އޮންނާނެކަން ކަލަންޑަރުގައި ފާހަގަކޮށްފައިވެއެވެ.

ފެބްރުއަރީ 27 އަދި 28 އަށް އަންނަ ހަފްތާ ބަންދަށްފަހު މާޗްމަހުގެ 1 އިން 8 ވަނަ ދުވަހާއި ހަމައަށް ދަރިވަރުންގެ ކިޔެވުމެއް ނޯންނާނެއެވެ. ކަލަންޑަރުގައި އެ ދުވަސްތައް ފާހަގަކޮށްފައިވަނީ ޓީޗަރުންގެ ޕީޑީ ޑޭގެ ގޮތުގައެވެ.

އެކެޑެމިކް ކަލަންޑަރުގައި މާޗް 9 އިން 22އަށް ކަނޑައަޅާފައިވަނީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައެެވެ. އެ ދުވަސްތަކަކީ ރޯދަމަހުގެ ފަހު ދިހައެކެވެ.

ކަލަންޑަރުގައިވާގޮތުން ފިތުރު ޢީދުދުވަސް ދިމާވަނީ، މާޗްމަހުގެ 20ވަނަ ދުވަހަށެވެ. ރޯދަ މަސް ނިންމައި ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ފަށާނެ ކަމަށް ކަލަންޑަރުގައި ވަނީ މާޗް 23 ގައެވެ.