ޚަބަރު

ޙަމަލާތަކުގައި ގެއްލުންވި ނިއުކްލިޔަރ މަރުކަޒުތައް އދއިން އިންސްޕެކްޓް ކުރަން އީރާން ދެކޮޅު


ނިއުކްލިޔަރ މަރުކަޒުތަކަށް އަސްކަރީ ޙަމަލާދިނުމުގައި އދގެ ޚާއްޞަ އުޞޫލެއް އެކުލަވާލައިފާނުވާތީ، އެމެރިކާ އާއި ޔަހޫދީން ގުޅިގެން މިދިޔަ ޖޫން މަހު ޙަމަލާދިން ނިއުކްލިޔަރ މަރުކަޒުތައް އިންސްޕެކްޓްކުރުމުގެ ފުރުޞަތު ދޭން އީރާނުން ދެކޮޅު ހަދައިފިއެވެ.

އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައިފާސްކުރުމުގެ ޙުއްދަ އދގ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއަށް ދީފައިވިޔަސް، ޖޫން މަހު ޙަމަލާތައް އަމާޒުވި މަރުކަޒުތަކަށް އެ އިދާރާއިން ވަނުމުގެ ހުއްދަ ދޭން އީރާނުން ދަނީ ދެކޮޅު ހަދަމުންނެވެ.

ޖޫން މަހުގެ ތެރޭގައި އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ތިން މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

އީރާންގެ އެޓޮމިކް ހަމަތާއާބެހޭ އިސްވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވީ، އަސްކަރީ ޙަމަލާތައް އަމާޒުވާ ނިއުކްލިޔަރ މަރުކަޒުތަކަށް ލިބޭ ގެއްލުންތަކުގައި ތިމާވެއްޓަށް ވެސް ކުރާނެ ނޭދެވޭ އަސަރުތަކެއް ހުންނާނެތީ، އެފަދަ ތަންތަން ބަލައިފާސްކުރުމުގައި ޚާއްޞަ އުޞޫލެއް އޮންނަންޖެހޭ ކަމަށް އީރާނުން ޤަބޫލުކުރާ ކަމަށެވެ.

އެހެންކަމުން އެފަދަ، އުޞޫލެއް އެކުލަވައިނުލައި، އެމެރިކާ އާއި ޔަހޫދީން ޙަމަލާދިން މަރުކަޒުތައް ބަލައިފާސްކުރުމުގެ މާނައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން، ހަނގުރާމައިގެ ޙާލަތުގައި، އެއް ޤައުމުން އަނެއް ޤައުމުގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދިނުން މަނާކުރަން، އެ އިދާރާގެ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އާންމު ބައްދަލުވުމަށް އީރާނުން ހުށަހެޅި ހުށަހެޅުން އެޖެންޑާވެސް ކުރަން އެ އިދާރާއިން ދެކޮޅު ހެދިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ޖޫން މަހު އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ޙަމަލާ، އައިއޭއީއޭއިން ވެސް ރަސްމީ ސިފައެއްގައި ކުށްވެރިކޮށްފައެއް ވެސް ނުވެއެވެ.