ސައުދި އަރަބިއްޔާގެ އެއާޕޯޓުތަކަށް ހޫޘީ ޖަމާއަތުން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަރނޭޝަނަލް އެއާޕޯޓާއި ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށްގެން މި މަހުގެ 6 އަދި 7ގައި ހޫޘީ ޖަމަޢާތުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި، ޒަޚަމްވެ، އެއާޕޯޓުގެ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ހޫޘީން ދިން މި ހަމަލާތަކަކީ ސަޢުދި އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލުމަށް ދިން ހަމަލާތަކެއްގެ ގޮތުގައި ދިވެހިރާއްޖެއިން ވަނީ ސިފަކޮށްފައެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުމާއި، ރައްކާތެރިކަން ނައްތާލުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި ހަމަލާތަކުގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރުން ވަނީ ތައުޒިޔާ ފޮނުއްވައި، ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ސައުދި އަރަބިއްޔާގެ ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަމުގެ ޔަގީންކަން އަރުވާ ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ ޤައުމުގެ ސިޔާދަތާއި އިސްތިގުލާލު ނަގަހައްޓައި، ސަރަހައްދުގައި ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް އެ ޤައުމުން އަޅުއްވާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާޢީދު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދެ އެއާޕޯޓަކަށް އަމާޒުކޮށްގެން ހޫޘީން ދިން ހަމަލާތަކުގައި ތިން މީހުން ވަނީ މަރުވެފައެވެ. ސަޢޫދީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނީ، ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި ދެ މީހުން މަރުވެ، 28 މީހުން ޒަޚަމްވި ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.