އެފްއޭއެމް އަންޑަރ 14 ޗެމްޕިއަންޝިޕް 2026 ކޮލިފަޔަރސް އަންނަ މަހު 5 ގައި ފަށަން ނިންމާ ގުރުއަތުލުން ބާއްވައިފިއެވެ.
އެފްއޭއެމުގެ އޮފީހުގައި މިއަދު ގުރުއަތުލުން ބާއްވާފައިވާއިރު މި މުބާރާތުގައި ޖުމްލަ 18 އެކަޑަމީއަކުން ވާދަކުރާނެއެވެ.
5 ފެބުރުވަރީވާ ބުރާސްފަތި ދުވަހު މުބާރާތް ފަށަން ހަމަޖެހިފައިވާއިރު ފުރަތަމަ ބުރުގެ ކުޅުން ނިންމާ އެންމެ ގަދަ 10 ޓީމު ހޮވުމަށްފަހު ލީގު ބުރުގެ ކުޅުން ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ރަމަޟާން މަހަށް ފަހުއެވެ.
އިލެވެން ވީ އިލަވަން ފޯމެޓަށް ކުޅޭ މި މުބާރާތުގައި ކޮންމެ މެޗެއްގައި ކުޅޭނީ 30 މިނިޓުގެ ދެ ހާފެވެ. ހަފްތާ ބަންދުގައި މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ ޓީމުތައް ތަރުތީބުކޮށްފައިވާއިރު ޓީމުތައް ބަހާލ\ައިފައި ތިން ގުރޫޕަކަށެވެ.
ގުރޫޕް އެކެއްގައި ހިމެނެނީ ޔުނައިޓެޑް ވިކްޓްރީ، އޮޑި ސްޕޯޓްސް އެކަޑަމީ، އަޝްފާގް އެކަޑަމީ، ވިލިމާލެ ޔުނައިޓެޑް، ބިސްބުރު ސްޕޯޓްސް އެކަޑަމީ އަދި ހުޅުމާލެ ޔޫތް އެންޑް ސްޕޯޓްސް އެކަޑަމީއެވެ.
ގުރޫޕް 2 ގައި ހިމެނެނީ އީގަލްސް އެކަޑަމީ، ޓީސީ ސްޕޯޓްސް ކުލަބު އެކަޑަމީ، ބީޖީ އެކަޑަމީ، އެޑްވެންޗަރ ފުޓްބޯލް އެކަޑަމީ، ޖޫނިއަރ ފުޓްބޯލް އެކަޑަމީ އަދި މަހިބަދޫ ސްޕޯޓްސް ކުލަބު އެކަޑަމީއެވެ.
ގުރޫޕް 3 ގައި ހިމެނެނީ ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޓާސް އެކަޑަމީ، ހުއްރިއްޔާ އެކަޑަމީ، ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑަމީ އަދި މޯލްޑިވްސް ސޮކަރމޭޓްސް އެކަޑަމީއެވެ.