މިއީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދިވެހިން ފެށި ދަތުރެއްގައި، ބޭނުންވި މަންޒިލަށް ވާސިލްވެވުނު ދުވަހެވެ. 2004 ވަނަ އަހަރުގެ އޭޕްރިލް މަހު، މަކާއޯއިން ދިވެހިން ބަލަން ފެށި ހުވަފެނުގައި ޙަޤީޤީ ކުލަ ޖެހުނު ދުވަހެވެ. އެތައް އަހަރެއް ވަންދެން، އެތައް ބަޔަކު ކުރި ބުރަ، މިންނެތް މަސައްކަތުގެ ފޮނި މީރުކަން ލިބުނު ދުވަހެވެ.
ރާއްޖޭގައި، ރަސްމީ ފެންވަރެއްގައި ފުޓްސަލް ކުޅެން ފެށީ މީގެ 22 ވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް، މި ކުޅިވަރުގެ ފޯރި ރާއްޖޭގައި ގަދަވެ، އެއްވަނަ ކުޅިވަރުގެ ގޮތުގައި އޮތް ފުޓުބޯޅަ ފަހަތަށް ޖައްސާލިތާ އަދި ގިނަ އަހަރުތަކެއް ނުވެއެވެ.
މި ފޯރި ގަދަވި ނަމަވެސް، ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ކާމިޔާބީއެއް ފުޓްސަލް އިން ހޯދިދާނެކަމަށް ޤަބޫލުނުކުރާ މީހުން ވެސް އުޅުނެވެ. "ދިވެހިންނަކަށް ނުވާނޭ، ދިވެހިންނަށް އޮތީ މުބާރާތްތަކުގައި ބައިވެރިވުމާއި ކަޓައިގެން އައުމޭ" ބުނި މީހުން ވެސް މަދެއް ނޫނެވެ.
އެހެން ނަމަވެސް، ފުޓްސަލްއަކީ ދިވެހިންނަށް ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދިދާނެކަމަށް ގަބޫލުކުރި މީހުންގެ ޢަދަދު ވެސް ވަކި މަދެއް ނޫނެވެ. "އުއްމީދެއް އޮތިއްޔާ ދިރުމެއް ވާނެތާ" އެވެ.
މިއަދު މިއޮތީ އެ ދުވަސް އައިސްފައެވެ. ފުރަތަމަ ފަހަރަށް، ސަރަޙައްދީ ފެންވަރުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ތަށި މިއަދު ދިވެހިން ވަނީ ހޯދައިފައެވެ. ނަތީޖާ ކިތަންމެ ބަލާލަން ފަސޭހަވެފައި ހިތްގައިމުވި ނަމަވެސް، މިހާ ހިސާބަށް އާދެވުނީ ބަޔަކު ހާދަ މަސައްކަތެއް ކޮށްގެން ހާދަ ބޮޑު ގުރުބާނީއެއް ވެގެންނެވެ. އެ ގުރުބާނީއާއި ކުރި މަސައްކަތުގެ ވާހަކަ ހިމަނަންވެއްޖެ ނަމަ، މިފަދަ ލިޔުމަކުން ނުފުދޭނެއެވެ. އެކަމަށް ބޭނުންވާނީ ސިލްސިލާ ވާހަކަތަކެކެވެ.
ސައުތު އޭޝިއާ ސަރަހައްދުގައި ފުޓްސަލް ކުރިއަރުވައި، މި ކުޅިވަރަށް އޮތް ފޯރި ގަދަކޮށް، ވާދަވެރިކަން ބޮޑުކުރުމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)އިން ފެށި މަސައްކަތުގެ ދަށުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ފަށައި، ފުރަތަމަ މުބާރާތުގެ ނިމުމަކާ ހަމައަށް މިވަނީ އައިސްފައެވެ.
ނިއުޓްރަލް ޕިޗެއްގައި، ހަތް ގައުމަކުން މި މުބާރާތުގައި ވާދަކުރިއެވެ. ދިވެހިރާއްޖޭގެ އިތުރުން، ވާދަވެރި އިންޑިއާ އާއި ޕާކިސްތާން އަދި ނޭޕާލާއި ބޫޓާނުގެ އިތުރުން ސްރީލަންކާއިން، ވަރުގަދަ ތަމްރީނުތަކަކަށްފަހު މި މުބާރާތުގައި ވާދަކުރަން ތައިލެންޑުގެ ބެންކޮކަށް، ޓީމުތައް ފޮނުވިއެވެ.
މިއީ މުބާރާތުގެ ފުރަތަމަ އެޑިޝަނަށް ވުމުން، މުބާރާތް ކާމިޔާބުކުރުމަށް ޤައުމުތަކުގެ މެދުގައި އޮތް ރޫހު ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ހަތް ޓީމު ބައިވެރިވި މުބާރާތުގެ ޗެމްޕިއަންކަން ލިބެނީ، ކޮންމެ ޓީމަކުން ހަ މެޗު ކުޅެ ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ޓީމަކަށެވެ.
މި މުބާރާތަށް ރާއްޖެއިން ތައްޔާރުވާން ފެށި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމަކަށް، އެންމެ ބޮޑު ތަފާތަކަށްވީ، ތަޖުރިބާކާރު ކޯޗަކާ ރާއްޖެ ޓީމު ހަވާލުކުރުމެވެ. އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ޓީމުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ނަތީޖާ އިންތިހާއަށް ފޮންޏެވެ.
ރާއްޖޭގެ ކުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި، ނަތީޖާ ނެރުމުގައި ދައްކަމުން އަންނަ ތަފާތަކީ މިއަދު އެންމެންގެ ދޫމައްޗަށް އެންމެ ފަރިތަ ވާހަކައަށް ވަނީ ވެފައެވެ. ހަމަ އެކަނި ސަޕޯޓަރުންނާއި ނޫސްވެރިންނެއް ނޫނެވެ. ޤައުމުގެ ވެރިންނާ ހަމައިން ފެށިގެން ދައްކަނީ ހަމަ އެ ވާހަކައެވެ.
މޮޅު ކޯޗެއް ލިބުމުގެ އިތުރުން، މުބާރާތުގެ މެޗުތައް ކުޅޭފަދަ އިންޑޯ ޕިޗެއްގައި މަސް ދުވަސް ވަންދެން ފަރިތަކުރުންތައް ބާއްވަން ލިބުނު ފުރުސަތަކީ ވެސް، މި މުބާރާތް ކާމިޔާބު ކުރުމުގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު އެހީއެކެވެ.
ޗައިނާގައި ކުރިއަށް ގެންދިޔަ ތަމްރީނު ކޭމްޕުގެ ސަބަބުން، ހަމަ ހަގީގަތުގައި ވެސް ދިވެހި ކުޅުންތެރިންގެ ފައިތައް ހޭނި، ފަރިތަވެއްޖެއެވެ. ދުވެލި ބާރުވެ، އަމާޒަށް ބޯޅަ ފޮނުވާލުމުގައި ހުނަރުވެރިންނަށް ވެއްޖެއެވެ.
މީގެ 18 ވަރަކަށް އަހަރުކުރިން ދިވެހިން ދުށް ރަން ދުވަހެއްގެ ހަނދާނެއް އައުކޮށްލާނަމެވެ. ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި ދުވަހެވެ. އެ ދުވަހުގެ ކާމިޔާބީގެ ރަމްޒެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް އޮތް ރިވެތި ޅެމެކެވެ. "މިއޮށް ކުޑަ ރާއްޖެ އަރައި، އެއޮށް ބޮޑު އިންޑިއާ 0-1 އިން ބަލިކޮށްފިޔޯ. މަރުޙަބާ މަރުޙަބާ ޤައުމީ ޓީމަށް މަރުޙަބާ".
މިއީ އޭގެ 17 އަހަރާއި ހަތް މަހާއި 18 ދުވަސް ފަހެވެ. މިއަދު އެ ލަވަ އިތުރަށް ފުރިހަމަ ކޮށްލެވިދާނެއެވެ. ކުޑަކުޑަ ރާއްޖެއިން ވަނީ ބޮޑު ޕާކިސްތާން 1-7 އިން ބަލިކޮށްފައެވެ. ސައުތު އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިޞާދު އޮތް ބަންގްލަދޭޝްގެ މައްޗަށް 1-6 އިން ކުރިހޯދާފައެވެ. ދުނިޔޭގެ ސުޕާ ޕަވާއެއްގެ ގޮތުގައި އަދި ސައުތު އޭޝިއާގެ އެންމެ ބިޔަ ބޮޑު ބާރު، އިންޑިޔާ ވެސް ލަދުގަންނަވައިލައި، 0-5 އިން ބަލިކޮށްފިއެވެ.
އެފަހުން ނޭޕާލު ވެސް އަތްދަށުކޮށް، 1-2 އިން ބަލިކުރީއެވެ. މިއަދު މިވަނީ ބޫޓާނުގެ މައްޗަށް ކުރިހޯދައި، ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންގެ ގޮތުގައި ތާރީޚުގައި ރަން އަކުރުން ނަން ފަވާލާފައެވެ.
ކަން މިހެން އޮތުމާއެކު ޝުކުރުވެރި ތަރާނާގެ ބަސްތައް އަމުނާލާނަމެވެ. ފުރުސަތުތައް ފަހިކޮށްދީ، އެހީތެރިކަމާއި އެއްބާރުލުން ދިން ސަރުކާރަށެވެ. ކުޅުންތެރިންގެ ބެލެނިވެރިންގެ ގޮތުގައި ޓީމާ ހަވާލުވެ އޮތް އެސޯސިއޭޝަނާއި ހެޑް ކޯޗާއި ކޯޗިން ޓީމަށެވެ. އެންމެ ޙާއްސަ ޝުކުރެއް، މި ކާމިޔާބީ ދިވެހިންނަށް ހޯދައިދިން ކުޅުންތެރިންނަށެވެ.
ކެޕްޓަން އިމްރާން މުޙައްމަދާއި ހުނަރުވެރި އަބްދުﷲ ޝާފިއުއަށެވެ. ދިވެހިންގެ އައްޑަނައިގެ ގޮތުގައި ހުރި ޒައިދާން އަޙްމަދާއި އިބްރާޙީމް ނާޖިހުއަށެވެ. ހުނަރުވެރި ޢަލީ ޝިޔާހާއި އަޙްމަދު ހަމީދު (އައްމަޑޭ)އަށެވެ. ތަޖުރިބާގެ އެހީގައި ޓީމަށް އެހީވެދިން އިޝާން އިބްރާޙީމް (ސައްޓު)އަށާއި ހުސެއިން ޝަރީފް (އޮންލީ)އަށެވެ.
ތައުރީފު ޙައްޤު ޙުސެއިން ސުހެއިލްއަށާއި ހުޒެއިފަތު ރަޝީދުގެ އިތުރުން އަޙްމަދު ރާހިލް ރަޝީދާއި އަބްދުﷲ ޖުނައިދަށެވެ. އެފަދަ ދެވަނައެއް ނެތް އަލީ ހައިސަމްއާއި އަލީ ޝަމާލް އަބްދުﷲއަށެވެ.
ތި ހުރިހާ ބަޠަލުންނަށް ވެސް ބުނެލަން ބޭނުންވަނީ ދެތިން ވާހަކައެކެވެ. ހިތުގެ އިޚްލާސްތެރި ޝުކުރާއި ހެޔޮދުޢާއެވެ. ތަށްޓާއެކު ލަސްނުކޮށް އަންނާށެވެ. އެހެންނަމަވެސް، ސައްތައިންސައްތަ ރެކޯޑު ދަމަހައްޓަން މިންނެތް މަސައްކަތްކުރާށެވެ.
އޭރުން މި ލިބުނު ކާމިޔާބީގައި، އިތުރު ފުރިހަމަކަމަކާއި ޝަރަފެއް ލިބޭނެއެވެ. މުޅި ޤައުމު މިއޮތީ ތި ހުރިހާ ކުޅުންތެރިންނަށް މަރުޙަބާ ކިއުމަށް ތައްޔާރަށެވެ.