ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖެ އަދި ބޫޓާން ބައްދަލުކުރާ މެޗު ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
ރާއްޖެ ގަޑިން މިއަދު ހަވީރު 15:00ގައި ކުޅޭ މެޗު ޕީއެސްއެމްގެ ޗެނަލްތައް ކަމަށްވާ ޓީވީއެމް އަދި ޔެސް ޓީވީން މެޗު ވަގުތުން ދައްކަމުންދާނެއެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް މެޗު ވަގުތުން އަޑުއަހާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މެޗުގެ ޕްރީޝޯ ކަވަރޭޖް ފަށާނީ 14:30ގައެވެ.
މުޅިން އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާތަކެއް ވަނީ ދައްކައިފައެވެ. މިއަދު ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ މުބާރާތުގެ ތަށި ދިވެހި ފަސްގަނޑަށް ގެނައުމުގެ ޝަރަފު ލިބިގެންދާނެއެވެ.
ތައިލޭންޑުގެ ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ފިރިހެން ފުޓްސެލް ޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު މުބާރާތުގެ ތަށި އުފުލާލުމުގެ އަމާޒުގައި ގައުމީ ފުޓްސެލް ޓީމުން މިއަދު ބޫޓާނާއި ދެކޮޅަށް ނުކުންނައިރު ސަޕޯޓަރުންގެ ޖޯޝާއި ފޯރިއަކީ ޓީމަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށްވާނެއެވެ.