ޚަބަރު

ބޭނުންވަނީ ތަރައްޤީއަށް އެއްބާރުލުންދޭ ރައްޔިތުންގެ މަންދޫބުން: ރައީސް


  • ވައުދުތައް ފުއްދަވަމުން ގެންދަވާކަން ފާހަގަކުރެއްވި

  • ތަރައްޤީ މަޑުޖައްސަން މަސައްކަތްކުރަން ފުރުސަތު ނުދެއްވުމަށް ވިދާޅުވި

ޤައުމާއި ރައްޔިތުންނަށް ބޭނުންވަނީ ތަރައްޤީއަށް އެއްބާރުލުންދޭ ރައްޔިތުންގެ މަންދޫބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ، ސަރުކާރު ހިއްސާވާ ޕީއެންސީން މިއަދު ހަވީރު ބޭއްވި ޚާއްސަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެހެންވެ، ރަށްރަށާއި ސިޓީތަކަށް ބޭނުންވަނީ އެމަނިކުފާނުގެ މި މަސައްކަތަށް ހުރަސްނާޅައި، އެއްބާރުލުންދޭނެ މޭޔަރުންނާއި ކައުންސިލަރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރާއިރު އެކަމަށް ހުރަސްއަޅާ ބަޔަކު އަތުވެއްޖެނަމަ ތަރައްގީ މަޑުޖެހިގެންދާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ހަމަނުޖެހުން އުފައްދަން އެފަދަ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށާއި އެއީ އެއްވެސް ރައްޔިތަކު ދެކެން ބޭނުންވާ ދުވަހެއް ނޫން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މި ދޭތެރެ މެދަށް ރައްޔިތުންނާ ސަރުކާރު ދޭތެރެއަށް އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވާށޭ. ސިޔާސީ ސަކަރާތްޖެހުމާއި ސިޔާސީ ޖަގަޑާ ހެދުމާއި އެކިކަހަލަ ގޮތްގޮތުން ރައްޔިތުންނާ ސަރުކާރާދެމެދު ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުސަތު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ނުދެއްވާށޭ. މި ސަރުކާރު މިއޮތީ ރައްޔިތުންނާއެކު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކި ހައިސިއްޔަތުތަކުން މިހާތަނަށް މާލޭގެ ގެތަކަށް އެމަނިކުފާނަށް ޒިޔާރަތްކުރެވިފައިވާ ކަމަށާއި ރައްޔިތުން ދިރިއުޅޭ ހާލަތު ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރިއަށްގެންދާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުފަޅުން ދީފައިވާ ގޯތިތައް، ބިން ހިއްކުމަށްފަހު ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ކަމަށެވެ.

މިފަދަ މަޝްރޫއުތައް ކުރިއަށްދާއިރު ބޭނުންވަނީ އިޚްލާސްތެރި ތެދުވެރި އަދި އަމާނާތްތެެރި މޭޔަރުންނާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުން ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި އެފަދަ ފަރާތްތައް އިންތިޚާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.