ނިއުޔޯކުގައި ކުރިއަށްގެންދިޔަ ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން "ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ"ގައި ރާއްޖެ އިޝްތހާރުކުކޮށްފައިވަނީ، ި އެކުވެރި ދައުލަތްތަކަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއާ ގުޅިގެން، މިމަހުގެ 24 އިން 25 ގެ ނިޔަލަށެވެ.
ދެ ދުވަހުގެ މުއްދަތަށް ނިއުޔޯކްގެ ޖެވިޓްސް ސެންޓަރުގައި ކުރިއަށް ގެންދިޔަ މިޝޯވއަކީ އުތުރު އެމެރިކާގައި ބާއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފޯރަމެވެ. މި ފޯރަމަށް ޓްރެވަލް އެޑްވައިޒަރުންގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތައް ހިމެނޭހެން 20،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ. މިއީ މަތީ ފަންތީގެ ތަފާތު ތަޖުރިބާތަކަށް ޝައުގުވެރިވާ އެމެރިކާގެ ކަސްޓަމަރުންނާ ސީދާ ގޮތެއްގައި ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞާތެއްކަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ފާހަގަކުރެއްވިއެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖެއާ ގުޅޭ މައުލޫމާތުތައް ފަތުރުވެރިންނާ ވިޔަފާރިތަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި ރާއްޖެއާ ގުޅޭގޮތުން ފަތުރުވެރިން އެނެގެން ބޭނުންވާ ޝައުގުވެރި މައުލޫމާތުތައް ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި އެފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ފަތުރުވެރިންގެ ތެރޭގައި މަގުބޫލު ކަންކަން ދެނެގަތުމަށް ޚާއްސަ ސާވޭއެއް ވެސް މި ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔައެވެ. މި ފޯރަމްގައި ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ގުރުވަތު ނަގައި، ޚާއްސަ އިނާމުތައް ދިނުމުގެ އިތުރުން ޝައުގުވެރި ހަރަކާތްތައް ކުރިއަށްގެންދިޔަކަމަށް، ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދެއްވިއެވެ.
މި ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގައި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ޢަލީ ނަޞީރު މުޙައްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި މަޝްވަރާގައި، ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއަށް އޮތް މަޤްބޫލުކަމާއި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޑރ. އަލީ ނަސީރު ވަނީ އަލިއަޅުއްއްވާ ލައްވާފައެވެ.
ދުނިޔޭގެ ފަތުރުވެރިކަން އަލުން އާރާސްތުވަމުންދާއިރު، އެމެރިކާގެ މާކެޓުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން، 2019ވަނަ އަހަރު އެމެރިކާއިން 47,891 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ނިމިދިޔަ 2025ވަނަ އަހަރު އެ ޢަދަދު ވަނީ 66,443 އަށް އިތުރުވެފައެވެ. މިއީ ދުރު ރާސްތާގެ ޗުއްޓީ މަންޒިލެއްގެ ގޮތުގައި އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ހާމަކޮށްދޭ ކަމެކެވެ.
ފަތުރުވެރިކަމުގެ މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމުގެ ސަބަބުން، ރާއްޖެއަކީ މަތީ ފަންތީގެ ޚިދުމަތްތައް ލިބޭ އަދި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުޞަތުތަކާއި، ތަޖުރިބާތަކެއް ލިބިގެންދާ، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އޮތް އޮތުން އިތުރަށް ހަރުދަނާވެގެންދާނެކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ. ހަމައެއާއެކު، މިއީ އެމެރިކާގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ލިބުނު މުހިންމު ފުރުޞަތެއްކަން ވީއޭއެމްސީން މައުލޫމާތު ދެއްވިއެވެ.