ތަރައްްޤީ

މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދު ބޮޑުކުރަނީ


މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދު ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހާމަކޮށްފިއެވެ.

އެ ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ ބަނދަރުގެ ހުޅަނގު ފަޅީގެ ޖެޓީ ބޮޑުކުރުމަށް މިހާރު އޮތްތަން ހިއްކަން ޕްލޭންކޮށްފައިވާކަމަށާ އެކަމާ ބެހޭ ގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލު  (އީވައިސީއަށްވެސް) ހުށަހަޅާފައިވާކަަމަށެވެ. އަދި ބަނދަރު ބޮޑުކުރުމަށް އިތުރަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ތަފްޞީލު ކުރެހުމެއް ހުށަހަޅަން އީ.ވައި.ސީން އޮތީ ސިޓީވެސް ދެއްވާފައިކަމަށް ޖުނައިދު ވިދާޅުވިއެވެ.

ބަނދަރުގެ އެބައި ބޮޑުކުރުމުން ކުރިއަށް އޮތް 20 އަހަރުވެސް ބަނދަރުގެ ދަތިކަމެއް ނާންނާނެކަމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ ވިދާޅުވިއެވެ.

"ބަނދަރު ހުޅަނގު ފަޅީ ޖެޓީ ބޮޑުކުރަން މިހާރު އޮތްތަން ހިއްކަން ޕްލޭންކޮށްފައިވަނީ. އެހެން ހެދުމުން ކުރިއަށް އޮތް ވިހި އަހަރުވެސް ބަނދަރުގެ ދަތިކަމެއް ނާންނާނެ. އެކަން އީ.ވައި.ސީއަށްވެސް ހުށަހަޅާފައިވަނީ. އެކަމަށް އިތުރަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށް ޑީޓެއިލް ޑްރޯވިންގ އެއް ހުށަހަޅަން އޮތީ ލެޓަރވެސް ދެއްވާފައިކަމަށް. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ދިވެހި ވިޔަފާރިވެރިންގެ އަޅުގަނޑު ދަންނަވަން އޮތީ މިއަދު ޤަބޫލުކުރަމޭ ހުރި ދަތިތައް" އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދުޖުނައިދު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރުން ދުވާލަކު 250 ކޮންޓެއިނަރ ދޫކުރާކަމަށް އެކުންފުނިން ބުނެއެވެ.