އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އާދަޔާ ޚިލާފަށް އުފުލި، ވައިގެ ދަތުރުގެ ޚިދުމަތްދޭ އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑު ކުރަން ފަށައިފިއެވެ.
މީގެ ކުރިން 85 އެމެރިކާ ޑޮލަރާއި 90 އެމެރިކާ ޑޮލަރާ ދެމެދުގެ އަގަކަށް ލިބޭ ތެލާއި ޖެޓް ފިއުލް ފީފާއެއްގެ އަގު މިހާރު ވަނީ 150 ޑޮލަރާއި 200 ޑޮލަރަށް އުފުލިފައެވެ. އެއާއެކު އެއާލައިންތަކުން ތެޔޮ ގަތުމަށް ކުރަން ޖެހޭ ޚަރަދު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައެވެ. އޮސްޓްރޭލިޔާގެ ގަންތަސް އެއާވޭސްއައި ސްކެންޑިނޭވިޔާގެ ސާސް އެއާލައިންގެ އިތުރުން އެއާ ނިއުޒީލެންޑުން މިހާރު ވަނީ ޓިކެޓުގެ އަގު ބޮޑުކޮށްފައިވާ ކަން އިޢުލާނުކޮށްފައެވެ. ބައެއް އިތުރު އެއާލައިންތަކުން ވަނީ ފިއުލް ސާޗާޖުގެ ގޮތުގައި ނަގާ މިންވަރު މި ވަގުތަށް އިތުރު ކުރުމަށް ނިންމާފައެވެ.
ތެލުގެ އަގަށް އަތުވެދާނެ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ބައެއް އެއާލައިންތަކުން ތަފާތު އެއްބަސްވުންތައް ޤާއިމްކޮށް، ވަކި މުއްދަތަކަށް އެއް އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމް ދުރާލާ ހަމަަޖައްސައެވެ. ޓިކެޓުގެ އަގު ބޮޑުކޮށްފައިވާ ބައެއް އެއާލައިންތަކުގެ ތެރޭގައި މި ގޮތަށް އެއްބަސްވުންތައް ޤާއިމްކޮށްފަައި ނުވާ އެއާލައިންތައް ހިމެނެއެވެ. މި ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައި އޮތް ނަމަވެސް، ބާޒާރަށް ތެޔޮ ނުނެރޭ ނަމަ އޭގެން ކުރާނެ ފައިދާއެއް ނެތް ކަމަށް އެއާލައިންތަކުން ބުނެއެވެ. މި ވަގުތު އޮތް ޙާލަތު ދިގު މުއްދަތަކަށް ދެމިގެންދާ ނަމަ ތެޔޮ ގަންނަން ނުލިބޭ ޙާލަތަށް ދިޔުން އެކަށީގެންވާ ކަމަށް އެ ކުންފުނިތަކުން ބުނެއެވެ.
އީރާނު ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުންނާއި، ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ފްލައިޓުތައް ދަތުރުކުރާ ރޫޓުތަކަށް ބަދަލު ގެނައުމަށް ވެސް އެއާލައިންތަކަށް ވަނީ މަޖުބޫރުވެފައެވެ. މިއީ ވެސް ބައެއް ރޫޓުތަކުގެ ދަތުރުތަކުގެ އަގު ބޮޑުވެ، އެ ރޫޓުތަކުން ދަތުރު ކުރުމަށް ފްލައިޓްތަކަށް ޖާގަ ލިބުން ދަތިވާ ސަބަބެއް ކަމަށް އެއާލައިންތަކުން ބުނެއެވެ.
ޓިކެޓުގެ އަގު ބޮޑުވުމާއި ވައިގެ ދަތުރުފަތުރަށް ބުރޫ އެރުމުގެ ސަބަބުން މީހުން ދަތުރުކުރާ މިންވަރު ދަށަށް ގޮސް، ފަތުރުވެރިކަމުގެ ސިނާޢަތަށް އަސަރު ކުރުން ވެސް އެކަށީގެންވެއެވެ. އަދި މީގެ ކުރިން ދަތުރުތައް ބުކް ކޮށްފައިވާ ދަތުރުތައް ކެންސަލް ކުރުމުގެ ފުރުޞަތު ވެސް ވަނީ އިތުރުވެފައެވެ. ގިނަ ޢަދަދެއްގެ ޓުއާ އޮޕަރޭޓަރުން ދަނީ މެދުއިރުމައްޗަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑައިލަމުންނެވެ.