ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު ފަސޭހަ ކަމާއެކު 5-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކާމިޔާބުކޮށްފި އެވެ.
މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ފަސްދޮޅަސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި އެތްލެޓިކޯ މެޑްރިޑްގެ މާކޮސް ލޮރެންޓޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ޓޮޓްނަމްގެ ގޯލުކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލޮރެންޓޭ ލަނޑު ޖެހިތާ 8 މިނުޓު ފަހުން އެންޓޮއިން ގްރީޒްމަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އަދި މެޗުގެ 15 ވަނަ މިނިޓުގައި ޓޮޓްނަމްގެ ގޯލުކީޕަރު އެންޓޮއިން ކިންސްކީ ހެދި ގޯހަކުން ޖޫލިއަން އަލްވަރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ފަނަރަ މިނިޓުގެ ތެރޭގައި މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
އެތްލެޓިކޯ އިން ޖެހި ތިންވަނަ ލަނޑާއެކު ޓޮޓްނަމްގެ ވަގުތީ ކޯޗު އިގޯ ޓޫޑޯ ވަނީ ކީޕަރު ކިންސްކީ ބަދަލުކޮށްފަ އެވެ.
އެތްލެޓިކޯ މެޑްރިޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 22 ވަނަ މިނިޓުގައި ރޮބިން ލެނޯމަންޑް ކާމިޔާބުކޮށްދިން އިރު އޭގެ ހަތަރު މިނިޓު ފަހުން ޓޮޓްނަމްގެ ޕެޑްރޯ ޕޯރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ޖޫލިއަން އަލްވަރޭޒް ވަނީ އެތްލެޓިކޯ މެޑްރިޑަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.
މި މެޗުގައި ޓޮޓްނަމް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 76 ވަނަ މިނިޓުގައި ޑޮމިނިކް ސޮލާންކޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދުމަށް އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ޓޮޓްނަމް ކުޅެން ޖެހޭ މެޗުން ތިން ލަނޑުގެ ތަފާތަކުން މޮޅުވާން ޖެހޭނެ އެވެ.