ޚަބަރު

ޢީދު ހަވީރު ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރަނީ


  • މިހަރަކާތުގައި ސަރުކާރުގެ 10 ކުންފުންޏަކުން ބައިވެރިވޭ

ޢާއިލީ ގުޅުން ބަދަހިކޮށް، އުފާވެރި މާޙައުލެއްގައި ފިތުރު ޢީދު ފާހަގަކުރުމަށްޓަކައި "ޢީދު ހަވީރު 1447" 3 ދުވަހަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އިންތިޒާމުކުރާ މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ 10 ކުންފުންޏަކުން ބައިވެރިވެއެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި މިހަރަކާތް ފަށާނީ ޢީދު ދުވަހު ހަވީރު 4 ޖަހާއިރުއެވެ. 3 ދުވަހަށް ކުރިއަށްދާ މިހަރަކާތް ކޮންމެ ދުވަހަކުވެސް ހަވީރު 4 އިން ފެށިގެން 6 ޖަހަންދެން ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

މާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ފާލަން ސަރަހައްދު ހިމެނޭގޮތަށެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކާއި ހިޔާ ސަރަޙައްދުގައި ހަރަކާތްތައް ކުރިއަށްދާއިރު، ވިލިމާލޭގައި ހަރަކާތްތައް ކުރިއަށްދާނީ ފުޓްބޯޅަ ދަނޑުގައެވެ.

މިހަރަކާތުގައި ބައިވެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.

މި ހަވީރުގައި ތަފާތު ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ އައިޓަމްތަކުގެ އިތުރުން ޢީދު ހަދިޔާ ބެހުންވެސް އޮންނާނެއެވެ. ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ތަފާތު ތީމުތަކަށް ތައްޔާރުކުރާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ ގޭމްތަކާއި ތަފާތު ތަޖުރިބާތައް ހިމެނޭނެއެވެ. ޚާއްޞަގޮތެއްގައި އެމްއެންޑީއެފްގެ ފަރާތުން ސިފައިންގެ ޔުނިފޯމްތަކާއި، ހަތިޔާރުތަކުގެ އިތުރުން އެއްގަމާއި ކަނޑުގެ އުޅަނދުތައް ދައްކާލައި، އެތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.

ޢީދު ހަވީރުގެ ޙަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކްވެސް ފިޠުރު ޢީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މާލޭ ސަރަހައްދުގައި މިދިޔަ އަހަރުވެސް ފިޠުރު އީދުވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެގޮތުން ބޭއްވި ޢީދުހަވީރަށް ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިގެންގޮސްފައެވެ.