ޚަބަރު

ޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފި


  • މަޝްވަރާކޮށްފައިވަނީ ޖަޕާންގެ އެމްބަސީއާއެކު

  • ޖަޕާންގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތު ފުޅާކުރަން މަޝްވަރާކުރި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ކުރިއަށްގެންދާ މަސައްކަތްތަކަށް ޖަޕާން ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް ޖަޕާން އެމްބަސީއާއެކު މިފްކޯއިން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާ ކުރެވުނީ މިފްކޯގެ އިސް އޮފިޝަލުންގެ ވަފުދެއް، ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ކުރި ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި ޖަޕާނުގެ ކުންފުނިތަކުގެ އެއްބާރުލުމާ އެހީތެރިކަން ހޯދުމަށެވެ.

އެގޮތުން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ އުފެއްދުންތަކަށް އަގު އިތުރު ކުރުމުގަޔާއި، މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކުރުމުގައި މިފްކޯއިން ފަށާފައިވާ މަސައްކަތުގެތެރެއިން، ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމުގައި، ޖަޕާނު އެމްބަސީގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމަށްވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.

ޖަޕާނުގެ އެމްބަސީއިންވަނީ މިފްކޯގެ މި މައްސައްކަތުގައި އެމްބަސީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންދެއްވާފައެވެ.

މިފްކޯއިން ދަނީ ދުނިޔޭގެ އެކި މާކެޓްތަކުގައި އެކުންފުނީގެ އުފެއްދުންތައް އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވެގެންވެސް ކުންފުނީގެ އުފެއްދުންތައް ދައްކާލާ މާކެޓްކުރެއެވެ.