އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނުގެ ރައްދުގައި، އީރާނުން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިގޮތުން، ޑްރޯނާއި މިސައިލް ބޭނުންކޮށްގެން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިއަދުވެސް ވަރުގަދަ ޙަމަލާތަކެއް ދެމުންދާކަމަށް ބުނެފައިވެއެވެ.
ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓު (ޑީއެކްސްބީ) ކައިރިއަށް ދެ ޑްރޯނެއް ވެއްޓި، ހަތަރު މީހުން ޒަޚަމްވެފައިވާކަމަށް ދުބާއީގެ މީޑިއާ އޮފީހުން ބުންޏެވެ. އެ ޙާދިޞާގައި ޒަޚަމްވެފައިވަނީ ގާނާގެ ދެ ރައްޔިތުންނާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް އޮފީހުން ބުންޏެވެ.
ނަމަވެސް، އެ ޙާދިޞާގައި އެ ވައިގެ ބަނދަރަށް އެއްވެސް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
ފެބްރުއަރީ 28ވަނަ ދުވަހު އެމެރިކާ އާއި ޔަހޫދީން ގުޅިގެން ފެށި މި ޢުދުވާނާއެކު މުޅި މެދުއިރުމަތީގައި ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދާއިރު، އެ ސަރަޙައްދުގައި ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ.
އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީގެ އެމިރޭޓްސް އަދި އިއްތިޙާދު އެއަރވޭސްއިން މަދު ފްލައިޓުތައް ފެށިނަމަވެސް، ވައިގެ އުދުހުންތައް އަދިވެސް ވަނީ ވަރަށް ބޮޑަށް ހިފަހައްޓައިފައެވެ. އަދި މިއަދު ދުބާއީ އެއާޕޯޓުގައި ހިނގި މި ޙާދިޞާއާ އެކު އެކަމަށް އިތުރު މަޑުޖެހުމެއް އަންނާނެކަމަށް ބެލެވެއެވެ.
ވައިގެ ދަތުރުފަތުރުގެ އިތުރުން، ކަނޑު މަގުން ތެލާއި ގޭސް ބޭރުކުރާ ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުން އީރާނުން ތާށިކޮށްފައި އޮތުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
ނަމަވެސް، ވަރަށް އަވަހަށް ހަނގުރާމަ ނިމުމަކަށް އަތުވެދާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާއެކު، ތެލާއި ގޭހުގެ އަގު މިއަދު ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ތެލުގެ ރިޒާވްގެ ބައެއް ބާޒާރަށް ނެރުމަށް ޤައުމުތަކާއެކު ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އައިއޭއީއޭއިން މަޝްވަރާ ފަށާފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.