ތަރައްްޤީ

ފުވައްމުލައް ސިޓީ


ޏ. ފުވައްމުލަކަކީ ސިޓީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ފުރަތަމަ ސިޓީއެވެ.

ރާއްޖޭގެ އެހެން އަތޮޅުތަކާ ޚިލާފަށް ޏ. އަތޮޅަކީ އެއް އަތޮޅެއްގެ ގޮތުގައި އެއް ފަސްގަނޑަކަށް އުފެދިފައިވާ ރަށެކެވެ. ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ރަށުގެ ގޮތުގައި ފާހަގަކުރެވިފައިވާ މި ރަށުގެ ދިގުމިނުގައި 4.8 ކިލޯމީޓަރ ހުންނައިރު ފުޅާމިނުގައި 1.5 ކިލޯމީޓަރ ހުރެއެވެ. މިރަށަކީ ޤުދުރަތީ ގޮތުން ވަރަށް ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މީގެތެރެއިން ރަށުގެ ތުނޑިއާއި ރަށުގެ އެތެރޭގައި ގުދުތަރީގޮތުން އުފެދިފައިވާ ރީތި ކުޅިތައް ފާހަގަކޮށްލެވެއެވެ.

img:http://s3.psmnews.mv/images/660x400/14620940520567.jpg|ފުވައްމުލަކު ސާފުފެނުގެ ކުޅި - ފޮޓޯ: ޕީއެސްއެމް ނިއުސް

ރަށް ވަށައިގެން ރާޅު މުގުރާ މިރަށުގެ ތުނޑީ ގޮނޑުދޮށަށް ޖަމާވާ އޮފުއަރާ އަކިރިތަކާއި އާދަޔާޚިލާފު ރީތި ވެއްޔަކީ ރާއްޖޭގެ އެހެން ރަށަކުން މިހާތަނަށް ފެނިފައިވާ ބާވަތުގެ އަކިރިއާއި ވެއްޔެއް ނޫނެވެ. 8 އަވަށެއް އޮންނަ ފުވައްމުލަކުގެ އާބާދީގައި ގާތްގަނޑަކަށް 12500 މީހުން ތިބިއިރު އެރަށުގައި ސާދަ ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ތަރައްޤީގެ ގޮތުން ބަލާއިރުވެސް އެރަށަކީ ރާއްޖޭގެ އެންމެ ތަރައްޤީ ރަށްތަކުގެ ތެރޭގައި ހިމެނޭ އަދި މިހާރުވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދަވާ ރަށެކެވެ. ރަށުގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހައްދަވަން ފަށްޓަވާފައިވާއިރު ރާއްޖޭގެ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް އެންމެ ރަނގަޅު ފެންވަރުގައި ޤާއިމްކުރެވޭ އެއްރަށަކީވެސް ފުވައްމުލަކެވެ. ނުވަތަ ފުވައްމުލަކު ސިޓީއެވެ. މިކަމުގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.

މީގެއިތުރުން ސަރުކާރުގެ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި އިމާރާއް ކުރައްވާ ފެލެޓްތައް ހިމާރު ވަނީ ފިނިޝިންގެ މަސައްކަތުގައެވެ. މި ފްލެޓްތަކަށް އެދުމުގެ ފުރުޞަތު ހަމަވެ މިހާރު ކުރިއަށް ގެންދަވަނީ އެ ފޯމްތައް އިވިލުއޭޓް ކުރެއްވުމުގެ މަސައްކަތެވެ.

img:http://s1.psmnews.mv/images/660x400/14745597338033.jpg|ފުވައްމުލަކުގެ ކުޅި- ފޮޓޯ: ސްޓްރީކް ސްޓޫޑިއޯ

އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަށްވާ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން 2002 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށުގައި އެންމެ ޒަމާނީ ފެންވަރުގެ ބަނދަރެއް ހައްދަވައިދެއްވާފައެވެ. އެބަނދަރު މަރާމާތުކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މީގެއިތުރުން އެމްޕީއެލްއިން ގެންދަވަނީ އެރަށުގައި ބަސް މެދުވެރިކޮށް އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެއްވަމުންނެވެ. އަދި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމުގެ ގޮތުން ގިރާ ސަރަޙައްދު ސާރވޭކޮށް ޢަމަލީ ގޮތުން އެމަސައްކަތް ފެއްޓެވުމަށް ސަރުކާރުން މިހާރު ވަނީ ތައްޔާރުވެ ވަޑައިގެންފައެވެ.

img:http://s2.psmnews.mv/images/660x400/14639035403712.jpg|ފުވައްމުލައް - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ފުވައްމުލަކުގެ ތަޢުލީމީ ޙާލަތައް ބަލާއިރު އެރަށަކީ ރާއްޖޭގެ އެއްރަށަކުން އެންމެ ރަނގަޅު ތަޢުލީމް ލިބެން ހުރި އެއްރަށެވެ. އެރަށުގައި ސަރުކާރުގެ 4 ސްކޫލާއި އަމިއްލަ 2 ސްކޫލް ހުރިއިރު އެރަށުގައި ތިބެގެން މަތީތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ފަހިވެފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ވިލާ ކޮލެޖާއި، މައި ކޮލެޖްގެ އިތުރުން ޒިކްރާ އިންސްޓްޓިއުޓްގެ ގޮފިތައް އެރަށުގައި އެބަހުއްޓެވެ. މީގެއިތުރުން ސަރުކާރާ ގުޅިވަޑައިގެން ފުވައްމުލަކު އަތޮޅު ކައުންސިލުން ގެންދަވަނީ ދެކުނުގެ ތަޢުލީމީ މައި ހަބަރަކަށް ފުވައްމުލަށް ހެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

މިހާރުވެސް ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހިންގަމުން އަންނަ ފުވައްމުލަކަކީ މީހުން އާބާދުވުމަށް ބިމުގެ ގޮތުން ޖާގަ ތަނަވަސް އަދި ދަނޑުވެރިކަމާއި ސިނާޢީ މަސައްކަތްތަކާއި ފަތުރުވެރިކަމަށްވެސް އިންވެސްޓްކުރުމަށް ފުރުޞަތު އޮތް، ބިން ތިޔާގި ރަށެކެވެ. ޞިއްޙީ ޚިދުމަތްތަކަށް ބަލާއިރު އަތޮޅު ހޮސްޕިޓަލަކުން ލިބޭ ހުރިހާ ޚިދުމަތްތަކެއް އެއަތޮޅު ހޮސްޕިޓަލުން ލިބެން އެބަހުއްޓެވެ. މީގެއިތުރުން ޑަޔަލިސިސް ހެދުމުގެ ޚިދުމަތާއި އަދިވެސް އިތުރު ޓެސްޓްތައް ހެދޭނެގޮތް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުވައްމުލަކީ ސިޓީއެއްގެ ދަރަޖަ ފުރިހަމަވާ ރަށެއްގެ ގޮތުގައި ރައީސުލްޖިމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ރާއްޖޭގެ މާޒީއަށް ބަލާއިރު ދަތުރުފަތުރުގެ ގޮތުން އެންމެ ދަތި އަދި ލަފާފުރުމުގެ ތެރޭގައި ހިނގާފައިވާ ޙާދިސާތަކުގައި އެންމެ ގިނަބަޔަކު މަރުވެފައިވާ އެއްރަށަކީވެސް ފުވައްމުލަކެވެ. އެހެންނަމަވެސް މިހާރު ފުވައްމުލަކީ ލަފާފުރަން ފަސޭހަ ބަނދަރެއް ހެދި އަދި މަދަނީ ވައިގެ ބަނދަރެއްވެސް އޮންނަ ހަމަ އެހެންމެ ފެރީގެ ޚިދުމަތްލިބޭ ދަތުރުފަތުރަށް ފަހި ރަށެކެވެ.

img:http://s3.psmnews.mv/images/660x400/3555.jpg|ފުވައްމުލަކު ޕޮލިސް ސްޓޭޝަން - ފައިލް ފޮޓޯ: ޕޮލިސް މީޑިއާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވެފައިވާ ރަށަކީ ނުވަތަ ސަރަޙައްދަކީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ނުވަތަ ސަރަޙައްދެއްކަމަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް، އެ ޤާނޫނުގެ 39 ވަނަ މާއްދާއިން ލިބިދީފައިވާއިރު، އެ ޤާނޫނުގެ ޖަދުވަލު 2 ގެ އެއްވަނަ ނަންބަރުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވެފައިވުމުގެ އިތުރުން، އެ ޤާނޫނުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ކަނޑައަޅައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން 8 ސެޕްޓެންބަރު 2016 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ މިންގަނޑުތައް ޏ.ފުވައްމުލަކުގައި ފުރިހަމަވެފައިވާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 8/2016 އިން ޏ.ފުވައްމުލަކަކީ ސިޓީ އެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމަށް ކަނޑަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ޤަރާރު އެކަށައަޅުއްވައިފައިވާކަމަށެވެ. މި ޤަރާރު އެކަށައެޅުއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

މިބަދަލާ ގުޅިގެން ލާމަރުކަޒީ ޤާނޫނުގެ ދަށުން އިދާރީ ދާއިރާތައް ކަނޑައެޅުމާއި އެދާއިރާތަކުގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމާއި އަދި ޚިދުމަތްތައް އިންތިޒާމްކުރުމުގެ މިންގަނޑުތަކަށް ބޮޑެތި ބަދަލުތައް އަންނަނާނެއެވެ.

ޏ.ފުވައްމުލަކަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދިޔުމުން، ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު ތިނަކަށް ވަނީ ބަދަލުވެފައެވެ. މީގެކުރިން އުފެދިފައިވާ ދެ ސިޓީއަކީ މާލޭ ސިޓީއާއި އައްޑޫ ސިޓީއެވެ.